ޚަބަރު

މާލެ-ހުޅުމާލެ ބަސްދަތުރުގެ "ބަސް ސްޓޮޕްތައް" ކަނޑައަޅައި ޚިދުމަތްދޭން ފަށައިފި


މާލެ-ހުޅުމާލެ ބަސްދަތުރުގެ "ބަސް ސްޓޮޕްތައް" ކަނޑައަޅައި ޚިދުމަތްދޭން ފަށައިފިއެވެ.
މާލޭގެ މައި ބަސް ސްޓޮޕް ހިމެނޭ ގޮތަށް 3 ތަނެއް، އަދި ހުޅުމާލޭގެ 7 ސަރަހައްދަކަށް މިހާރު ބަސް ހުއްޓާނެކަމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ބުނެއެވެ.

މާލެއާއި ހުޅުމާލޭގައި އަލަށް ކަނޑައެޅި ބަސްޓޮޕްތައް ރަސްމީކޮށް ތައާރަފް ކުރުމުގެގޮތުން ކުރި ފުރަތަމަ ދަތުރުގައި ޓްރާންސްޕޯރޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ވަނީ ބަހުގައި މާލެއިން ހުޅުމާލެއަށް ދަތުރެއްކުރައްވާފައެވެ.

ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަސް، ބޮޑުތަކުރުފާނުމަގު، ތިން ސަރަހައްދަކަށް މަޑުކުރާނެއެވެ.
އެއީ މާލޭގެ މައި ބަސް ޓާރމިނަލް، ބޮޑުތަކުރުފާނުމަގު ޓޯ ޔާރޑް އިރަށްއޮންނަ ހުސްތަނުގެ އިތުރުން، އެސް.ޓީ.އޯ 6 ނަންބަރު އިރަށް އޮންނަ ކޮށްޓާއި ދިމާލު ބޭރުފަޅިއެވެ.
މާލެއާ ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަސް، ހުޅުމާލޭގެ 7 ސަރަހައްދަކަށް މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރީތިގަސް މަގު އެމް.އެން.ޑީ.އެފް ފްލެޓް ކައިރި، އަމީން އެވެނިއު ކައިރި، ކުރިކީލަމަގު ރެޑްވޭވް މޯލްކައިރި، ނިރޮޅުމަގު ދިރާގުކައިރި، ހުޅުމާލެ މައި ބަސް ސްޓޮޕް، އަދި ޗައިނާ ބަސް ސްޓޮޕްގެ އިތުރުން ހުދުމާ ކައިރިއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޯރޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް މުހައްމަދު ރާފިއު ވިދާޅުވީ، ބަސް ސްޓޮޕްތައް ތައާރަފްކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އަދި މިހާރު ހުޅުމާލޭގެ ކޮންމެ ސަރަހައްދަކަށް ދާންބޭނުންވާ މީހަކަށްވެސް ފަސޭހަކަމާއިއެކު އެދާން ބޭނުންވާ ތަނަކަށް ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އާންމުންގެ ޙިޔާލަށް ބެލުމަށްފަހު ކުރިއަށްއޮތް ތަނުގައި ބަސް ސްޓޮޕްތައް އިތުރުކުރުމުގެ މަސައްކަތް ކުރާނެކަމަށް ރާފިއު ވިދާޅުވިއެވެ.

"މާލޭގެ މުހިންމު 3 ބައެއް ކަވަރކޮށްފަ އަޅުގަނޑުމެން މިހާރުވެސް މި ފަށައިގަތީ. މި ބަސް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއް ކަވަރ ކުރާނެ ނެއިބަރހުޑާއި އެއްކޮށް. އެހެންވީމަ މާލެއިން މިހާރު އަންނަ މީހާ ހުޅުމާލޭގައި އެމީހަކު އެއުޅޭ ސަރަހައްދަކަށް އެއްވެސް ދަތިކަމެއްނެތި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެވޭނެ." މުހައްމަދު ރާފިއު ވިދާޅުވިއެވެ.

މާލެއާ ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަސް ބޮޑުތަކުރުފާނުމަގުގެ ތިން ސަރަހައްދަކަށް މަޑުކުރިނަމަވެސް، ކުދި ބަސްތަކެއް ތައާރަފްކޮށް މާލޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށް ބަހުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންއަންނަކަމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ބުނެއެވެ.
މާލެއާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު ހަޔަކުން ރޭގަނޑު އެގާރަ އަށް ބާއްވާއިރު، މާލެއިން ހުޅުލެއަށް ކޮންމެ ގަޑިއަކު ބަހުގެ ދަތުރުތައް ބާއްވައެވެ.

ސަރުކާރުގެ 30 ދުވަހުގެ ތެރޭގައި ހައްލުކޮށްދިނުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި، އާންމު ދަތުރުފަތުރުގެ ޚިދުމަތް ވީހާވެސް ލުއިފަސޭހަވާނޭގޮތަކަށް ހަމަޖައްސައިދިނުން ހިމެނެއެވެ.