ވިޔަފާރި

ނައިޓް މާކެޓުގެ މޭޒުތައް ދޫކުރުން އަންގާރަދުވަހު


އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މޭޒު ދޫކުރުން އަންނަ އަންގާރަދުވަހު ކުރިއަށްދާނެކަމަށް ނައިޓް މާކެޓް އިންތިޒާމްކުރާ ލިކަމެކް ކުންފުނިން ބުނެފިއެވެ.

ނައިޓް މާކެޓާ ބެހޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ލިކަމެކްގެ ސީއީއޯ ޙަސަން ލަބީ ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު ދިހައަކުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް މޭޒު ދޫކުރުން ކުރިއަށްދާނެ ކަމަށެވެ. އަދި މޭޒު ދޫކުރުން ކުރިއަށް ދާނީ ޝީ ބިލްޑިންގެ 3 ވަނަ ފަންގިފިލާގައިކަމަށް ލަބީ ވިދާޅުވިއެވެ.

ލަބީ ވިދާޅުވީ މޭޒު ދޫކުރުން ކުރިއަށްދާނީ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުންކަމަށެވެ. އެގޮތުން ފުރަތަމަ އަންނަ 100 ފަރާތަށް މޭޒު ލިބޭނެކަން ޔަޤީންވާނޭކަމަށާއި އެއަށްފަހު އަންނަ ފަރާތްތައް ވެއިޓިންގ ލިސްޓުގައި ހިމަނާނެކަމަށެވެ.

"އަޅުގަނޑުމެން ޖުމްލަ މި ދޫކުރަނީ 100 ޓޯކަން ނަމްބަރު. 100 ޓޯކަން ނަމްބަރު ނިންމާފަ ދެން އިތުރަށް ބޭފުޅަކު ވަޑައިގެންފި ކަމަށް ވަންޏާ ނުވަތަ 100 އަށް ވުރެ ގިނަ މީހުން ކިޔު ހަދައިފި ކަމަށް ވަންޏާ، ކޮންމެ ބޭފުޅަކުވެސް ވެއިޓް ލިސްޓް ކޮށްލަ ދެން.. ދެން އެ ވެއިޓް ލިސްޓަ އޯޑަރުން ދެން ދޫކުރާނީ" ލަބީ ވިދާޅުވިއެވެ.

ނައިޓް މާކެޓް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ދަރުބާރުގޭގެ އެތެރެއާއި ބޭރުގައިވެސް މޭޒުތައް ހުންނާނެކަމަށް ލިކަމެކްއިން ބުނެއެވެ. އަދި މޭޒުތައް ބެހެއްޓުމަށް ތަނަވަސް ޖާގައެއް ފޯރުކޮށްދޭނެކަމަށް ލިކަމެކްއިން ބުނެއެވެ. އެގޮތުން 6 އަކަ މީޓަރުން ފެށިގެން 90 އަކަ މީޓަރުގެ ޖާގަތައް ދޫކުރާނެކަމަށް ލިކަމެކް އިން ބުނެއެވެ.

ލިކަމެކުން އިންތިޒާމް ކުރާ ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ލިކަމެކުން ފުރަތަމަ ފަހަރަށް އިންތިޒާމް ކުރާ ނައިޓް މާކެޓް ނަމަވެސް، އެހެން އަހަރުގެ ނައިޓް މާކެޓް ތަކަށް ވުރެ، މި ނައިޓް މާކެޓް ފުރިހަމަވެފައި ތަފާތުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.