ސިއްހަތު

އެގްޒާމް ކެންސަލްކުރީ ޑޮކްޓަރުން ބައިވެރިނުވުމުން - އެމްއެމްސީ


މިއަދު ބާއްވަން އޮތް ޑޮކްޓަރުންގެ ލައިސެންސިން އެގްޒާމްއަށް އެއްވެސް
ފަރާތަކުން ފޯމް ހުށަހަޅާފައިނުވާކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލްއިން
ބުނެފިއެވެ.



މެޑިކަލް ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ އަފީފް ވިދާޅުވީ ޑޮކްޓަރުންގެ
ލައިސެންސިން އެގްޒޭމްއަށް އެއްވެސް ފަރާތަކުން ފޯމް ހުށަހަޅާފައިނުޥާތީ މިއަދު
އިމްތިޙާން ބޭއްވިފައިނުވާކަމަށާއި 31 ޑިސެމްބަރ ދެހާސް ތޭރައިގެ ފަހުން
ލައިސަންސް ދީފައިވާ ފަރާތްތަކުން މި އަހަރުގެ ނިޔަލަށް އިމްތިހާނު ނަހަދައިފިނަމަ
އެ ފަރާތްތަކަށް މިހާރު ދީފައިވާ ވަގުތީ ލައިސަންސް ބާތިލްވާނެކަމަށެވެ. އަދި 31
ޑިސެމްބަރ ދެހާސް ތޭރައިގެ ފަހުން ވަގުތީ ލައިސަންސް ދިން ފަރާތްތަކުގެ ލައިސަންސް
މިދިޔަ ޑިސެމްބަރ މަހުގެ ނިޔަލަށް ހަމަވެފައިވިއަސް މެޑިކަލް ކައުންސިލަށް
މެމްބަރުން އައްޔަންނުކުރެވި ގިނަ ދުވަސްތަކެއްވުމުން އެފަރާތްތަކަށް މިއަހަރު
ނިމުމުގެ ކުރިން މި އިމްތިހާން ހެދުމަށް ފުރުސަތުދީފައިވާކަމަށް ޑރ. އަބްދުﷲ
އަފީފް ވިދާޅުވިއެވެ.



މެޑިކަލް ކައުންސިލުން ބުނީ އެ ކައުންސިލްގައި ރަޖިސްޓްރީ ކުރެވިފައިވާ
ދިވެހި އަދި ބިދޭސީ އެމް.ބީ.ބީ.އެސް ޑޮކްޓަރުންނަށް އެއްއަހަރުދުވަހަށް ދެވޭ
ލައިސަންސްގެ މުއްދަތުގެ ހަމަވުމުގެ ކުރިން އިމްތިހާނު ނަހަދައިފިނަ ނުވަތަ
އިމްތިހާނުން ފާސް ނުވެއްޖެނަމަ އެފަރާތްތަކަށް ދީފައިޥާ ލައިސަންސް
ބާތިލްވާނެކަމަށެވެ.



މިއިމްތިޙާނަކީ އަހަރަކު ތިން ފަހަރު ބާއްވާގޮތަށް ހަމަޖެހިފައިވާ
އިމްތިޙާނެއްކަމަށާއި އިމްތިޙާން އެކުލެވިގެންވަނީ ދެ ކަރުދާހުގެ މައްޗަށްކަމަށް
މޯލްޑިވްސް މެޑިކަލް ކައުންސިލްއިން ބުނެއެވެ.



ލައިސެންސިން އިމްތިޙާނު ދިނުމުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތް ކުރާ
ޑޮކްޓަރުންނަކީ ފެންވަރު ރަނގަޅު ޑޮކްޓަރުން ކަމުގައި ހެދުންކަމަށް އެ
ކައުންސިލްއިން ބުނެއެވެ.