އަމާޒަކީ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ފެށުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު މިއަދު ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބެންޖެހޭ އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައިވާ ކަމެއް ކަމަށްވެސް ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މިވަގުތު ފެނުގެ ޚިދުމަތް ޤާއިމްކޮށްފައިވާނީ 34 ރަށުގައި ކަމަށެވެ. އަދި ނަރުދަމާގެ ނިޒާމު ފުރިހަމަކޮށްފައި ވަނީ 66 ރަށެއްގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމަށް ލިބޭ ޢާމްދަނީއާ އަޅާބަލާއިރު އަސާސީ ޚިދުމަތް ފޯރުކޮށްދެވަރު ވަރަށް މަދު ކަމަށެވެ. އަދި އެއީ އެކަން ވެގެންވާނެ ގޮތް ނޫން ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ފެނާއި ނަރުދަމާއަށް ސަރުކާރުން ބޮޑު ހޭދައެއް ކުރާނެ ކަމަށެވެ. އެގޮތުން 102 މިލިއަން ޑޮލަރު ޚަރަދުކޮށްގެން 72 ރަށުގެ ނަރުދަމާ އާއި 56 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އަމާޒަކީ އަޅުގަނޑުމެންގެ ވެރިކަމުގެ ތިން އަހަރު ނިމިގެންދާއިރުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފެށުން. އިރާދަކުރެއްވިއްޔާ މިކަންތައްތައް ކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރަށް ވިޔަފާރިވެރިންގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި ވިޔަފާރިވެރިން އެފަދަ ކަންކަން ކޮށްދޭން ބޭނުންވާއިރު ސަރުކާރުގެ ފަރާތުންވެސް ވިޔަފާރިވެރިންނަށް ފޯރުކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ވިޔަފާރިވެރިންނަށް ޔަޤީންކޮށް މިއަރުވަނީ އަޅުގަނޑުމެންގެ ސަރުކާރުން މިތިބީ އެކަންތައްތައް ކޮށްދޭން ތައްޔާރަށް ކަމުގައި،" ރައީސް ވިދާޅުވިއެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރުފެންފުށި ރިސޯޓް ގުޅިގެން ކ. ދިއްފުށީގައި ޤާއިމްކުރި ނަރުދަމާގެ ނިޒާމަކީ ހަތަރު މިލިއަން ޑޮލަރު ޚަރަދުކޮށްގެން އަޅާފައިވާ ނަރުދަމާގެ ނިޒާމެކެވެ.