ވިޔަފާރި

އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ސްރީލަންކާގެ ޖަމްޢިއްޔާއަކާއެކު އެމް.އޭ.އެޗް.އާރު.ޕީން އެއްބަސްވުމެއްގައި ސޮއިކޮށްފި


ރާއްޖޭގައި އިންސާނީ ވަސީލަތްތައް ހަރުދަނާކުރެވޭ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ސްރީލަންކާގެ ޗާރޓާރޑް އިންސްޓިޓިއުޓް އޮފް ޕާރސަނަލް މެނޭޖްމަންޓާއެކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯރސް ޕްރޮފެޝަނަލްސް، އެމް.އޭ.އެޗް.އާރު.ޕީއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމް.އޭ.އެޗް.އާރު.ޕީގެ ފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާގެ ރައީސް ހުސެއިން އަފީފެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންސާނީ ވަސީލަތް ހަރުދަނާކުރުމަށް ހިއުމަން ރިސޯރސް ދާއިރާގެ ނެޓްވޯރކެއް ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްގައި ސީ.އައި.ޕީ.އެމްއިން އެއްބާރުލުން ދޭނެއެވެ. އަދި އެމް.އޭ.އެޗް.އާރު.ޕީގެ މެމްބަރުންނަށް ޚާއްސަކޮށްގެން ސްރީލަންކާގެ ސީ.އައި.ޕީ.އެމް ސްކޫލުން ތަމްރީނު ޕްރޮގްރާމުތަކެއް ހިންގުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ހިއުމަން ރިސޯރސް ދާއިރާ ފުޅާކޮށް މިދާއިރާއަށް ޤާބިލް މީހުން ބިނާކުރުމަށްޓަކައި ރާއްޖެއާއި ސްރީލަންކާގައި އެކި ފެންވަރުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމް.އޭ.އެޗް.އާރު.ޕީގެ ރައީސް ހުސެއިން އަފީފު ވިދާޅުވީ ސީ.އައި.ޕީ.އެމްއަކީ ހިއުމަން ކެޕިޓަލް މެނޭޖްމެންޓްގެ ދާއިރާގައި ކުރިއަރާފައިވާ ނަން މަޝްހުރު ކުންފުޏެއް ކަމަށެވެ. އެހެންކަމުން މިފަދަ ކުންފުންޏަކާއި އެކު މަސައްކަތްކުރުމަށް ފުރުސަތު ލިބުމަކީ އެމް.އޭ.އެޗް.އާރު.ޕީގެ މެންޑޭޓު ހަރުދަނާވެ މި ދާއިރާގައި އެޖަމްއިއްޔާ ކުރިއަރައިގެން ދާނެކަމެއްކަމަށް އަފީފު ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ޗާރޓާރޑް އިންސްޓިޓިއުޓް އޮފް ޕާރސަނަލް މެނޭޖްމެންޓް ސީއައިޕީއެމްގެ ރައީސް ދަމްމިކާ ފަރނޭނަޑޯ ވިދާޅުވީ އެ ޖަމިއްޔާއިން ހިއުމަން ރިސޯސް ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްކުރާތާ 60 އަހަރު ވެފައިވާކަމަށާއި މި މުއްދަތުގެ ތެރޭގައި އެކި ފެންވަރުގެ މަސައްކަތްކުރެވިފައިވާކަމަށެވެ.

މިއެއްބަސްވުމާއެކު އެމް.އޭ.އެޗް.އާރު.ޕީން އަންނަ އަހަރު ބާއްވާ "ނެޝަނަލް އެޗް.އާރު ކޮންވެންޝަން އަދި އެކްސްޕޯގެ އެންޑޯރސިންގ ޕާރޓްނަރއަކަށް ހަމަޖެހިފައިވަނީ ސީއައިޕީއެމްއެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ފަހުކޮޅުއެވެ.

ސީ.އައި.ޕީ.އެމްއާއެކު ޤައިމްކުރި މި އެއްބަސްވުމަކީ އެމް.އޭ.އެޗް.އާރު.ޕީން ބޭރު ޤައުމެއްގެ ޖަމްޢިއްޔާއަކާއެކު ސޮއިކުރި ފުރަތަމަ އެއްބަސްވުމެވެ.

މޯލްޑިވްސް އެސޮސިއޭޝަން އޮފް ހިއުމަން ރިސޯރސް ޕްރޮފެޝަނަލްސް އެމް.އޭ.އެޗް.އާރު.ޕީއަކީ ރާއްޖޭގައި ހިއުމަން ރިސޯސް ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް މިހާތަނަށް އުފެއްދި ފުރަތަމަ ޖަމްއިއްޔާއެވެ.