ވިޔަފާރި

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ


24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމާއި ގުޅޭގޮތުން މަލޭ ސިޓީގެ ރައްޔިތުންނާއި މަޝްވަރާކުރުމަށް ސިޓީ ކައުންސިލުން ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުން އޮންނާނީ މާދަމާރޭ 8:30 ގައި މާލެ ސިޓީ ކައުންސިލުގެ މާފަންނު އޮފީހުގައިކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ މެމްބަރު ހަމްނާ ރަޝީދު ވިދާޅުވީ މިބައްދަލުވުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕޮމަންޓުގެ އެދުމަކަށް ބާއްވާ ބައްދަލުވުމެއްކަމަށެވެ. އަދި މިބައްދަލުވުމުގައި ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ވިޔަފާރިވެރިން ބައިވެރިވާނެކަމަށް ލަފާކުރެވޭކަމަށް ހަމްނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޢުޞޫލު މިހާރުވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާޢިއުކޮށްފައެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަދިނުމާބެހޭ އުސޫލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަނީ ހުޅުވާލާފައެވެ. 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު،
މިއުސޫލުގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޭނެ ތަންތަން ވަނީ ކަނޑައަޅާފައެވެ.

ފިހާރަތަކާއި ސައި ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވަޢުދެކެވެ.