ޚަބަރު

ތަޢުލީމީ ދާއިރާ ލާމަރުކަޒީކޮށް، ސްކޫލްތަކަށް ބައެއް ބާރުތައް ދޭނަން - އެޑިއުކޭޝަން މިނިސްޓަރ


ތަޢުލީމީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި ސަރުކާރުގެ މައިގަނޑު ވިސްނުންހުރީ ލާމަރުކަޒީކޮށް، ސްކޫލްތަކަށް ބައެއް ބާރުތައް ދިނުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ނެޝެނަލް ކަރިކިއުލަމް ނުވަތަ ޤައުމީ މަންހަޖަކީ ދުނިޔެ ތަރައްޤީވަމުންދާ މިންވަރަށް ބަލާނަމަ، ރާއްޖޭގެ މާހަޢުލަށް ވަރަށް އެކަށޭނެ މަންހަޖެއްކަމަށެވެ. ނަމަވެސް ތަޢުލީމީ ދާއިރާއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަންހަޖު އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައްކަމަށާއި، އެކަންކަން ހައްލުކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ތަޢުލީމީ ދާއިރާވެސް ލާމަޒުކަޒީ ކޮށްގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ޢަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލުތަކެއް ގެނެސް މިނިސްޓްރީގެ ފަރާތުން ބައެއް ބާރުތައް ސްކޫލުތަކަށް ދޫކޮށްލަން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިގޮތަށް ނިންމުމުގެ އެންމެ ބޮޑު ބޭނުމަކީ އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކު ދަރިވަރުންނަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިކޮށްދީ، މިނިސްޓްރީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސްކޫލްތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަކޮށް "ސްކޫލް ބޭސްޓް މެނޭޖްމަންޓް" ސިސްޓަމަކަށް ދިއުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުގެ މައިގަނޑު ސިޔާސަތެއް އެއީ ޑީސެންޓްރަލައިޒްކުރުން.. އަޅުގަނޑުމެން ބޭނުންވަނީ ސްކޫލްތަކުގެ ވެރިން އެމްޕަވަރކުރަން.. އެބޭފުޅުންނަށް ބާރުތައް ދޭން.. މިހާރު މިނިސްޓްރީގައި ހުރި ގިނަ ބާރުތައް ސްކޫލްތަކާހަމައަށް ދޫކޮށްލަން ބޭނުންވަނީ... ސްޚޫލް ބޭސްޓް މެޏޭޖްމަންޓް ސިސްޓަމަކަށް ދިއުން އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް އޮތީ... އެކަންތައް މިހާރުވެސް ފަށައިފިން، ޕްރޮސެސްވަމުންދަނީ.."

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، ސްކޫލްތަކުގެ ޕްރިންސިޕަލުން ބާރުވެރިކުރުވުމުގެ އިތުރުން މުދައްރިސުން ބާރުވެރިކުރުވާއި، އެފަރާތްތަކަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމުކީވެސް ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް، އިތުރު އިނާޔަތްތައް ލިބޭނެގޮތް ހައްދަވައިދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މުދައްރިސުން ބާރުވެރިކުރުވާ އެބޭފުޅުންގެ ކޮލިފިކޭޝަންސް މައްޗަށް ޖެއްސުމަކީވެސް އަޅުގަނޑުމެންގެ އަމާޒެއް.. ކޮލެޓީ އެޑިއުކޭޝަނެއް އެބޭފުޅުންގެ ފަރާތުން ލިބިގެންދިއުން އެއީ އަޅުގަނޑުމެން ބޭނުންވާކަމެއް.. ހަމައެހެންމެ މުދައްރިސުންނަކީ ވަރަށް ގިނަ ވަގުތު ހޭދަކުރާ، ވަރަށް ބުރަ މަސައްކަތެއް ކުރާ ބައެއް.. ނަމަވެސް އެއާއި ގުޅުންހުރި އެކަށީގެންވާ އާމްދަނީއެއް އެފަރާތްތަކަށް ނުލިބޭ.. އެހެންވީމަ މި ސަރުކާރުގެ ވަޢުދެއް އެއީ މުދައްރިސުންނަށް ރަނގަޅު އިނާޔަތްތަކެއް ފޯރުކޮށްދިނުމަކީ.. އެކަން އަޅުގަނޑުމެން ކުރާނަން.."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަޢުލީމީ ސިޔާސަތުތަކަށް ތަޢުރީފުކުރައްވާ ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، މަތީ ތަޢުލީމާއި ގުޅުންހުރި ކަންކަމަށް ވަކި ވުޒާރެއް ހަމަޖެހިގެންދިއުމަކީ، އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކަމާއެކު ކުރިއަށްގެންދިއުމަށް ކޮށިގެން ދިޔަ މަގެއްކަމަށެވެ. އަދި މިގޮތަށް ހަމަޖެހިގެންދިއުމުން ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ތަންފީޒުކުރުމަށް ވަރަށް ބޮޑުތުން ފަސޭހަވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.