ޚަބަރު

ރާއްޖޭގެ ތާރީޚް ދިރާސާކުރުމުގެ ބޮޑު މަޝްރޫއެއް ފަށައިފި


ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭގޮތަށް ތާރީޚާއި ސަޤާފަތާއި އާދަކާދައާ ގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ދިވެހިބަހުގެ އެކެޑަމީއިން ފަށައިފިއެވެ.

ރާއްޖޭގެ މައުނަވީ ތަރިކައިގެ މަޢުލޫމާތު އެއްކުރުމަށް ދިވެހިބަހުގެ އެކެޑަމީގެ ތާރީޚް ސެކްޝަނާއި، ކަމާގުޅޭ އެހެނިހެން މުއައްސަސާތައް ގުޅިގެންވަނީ ޚާއްޞަ ކޮމިޓީއެއް އުފައްދާފައެވެ. މި ކޮމިޓީން ވަނީ ރާއްޖޭގެ ތާރީޚާއި، ސަޤާފަތާއި އާދަކާދައާ ގުޅޭ ކަންކަމުގެ ލިސްޓެއް އެކުލަވާލާފައެވެ. މީގެތެރޭގައި، ވަކިވަކި ރަށްރަށުގައި ހުރި ތާރީޚީ ތަންތަނާއި، ތަކެއްޗާއި، ރަށްރަށާ ގުޅޭގޮތުން އައިސްފައިވާ ފޯކްލޯ ވާހަކަތަކާއި، ދިވެހިންގެ އިހުގެ ދިރިއުޅުމުގެ އަދަކާދަތަކާއި، ބަހުރުވައާއި، ދިވެހިން ކުޅެއުޅުނު އެކި ކަހަލަ ކުޅިވަރުތަކާ ގުޅޭ މަޢުލޫމާތު އެއްކުރުން ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއާ މިކަމާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ދިވެހިބަހުގެ އެކެޑަމީގެ ތާރީޚް ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޝަހުމާ ޢަލީ ވިދާޅުވީ މިފަދަ ކަމެއް ކުރުމުގެ އެންމެ މުހިންމު މަޤްސަދަކީ ދިވެހި ތާރިޚް ގެއްލުނަނުދީ ރައްކާތެރިކުރުންކަމަށެވެ. އެގޮތުން ބަހުގެ އެކެޑަމީން ފަށާފައިވާ މަސައްކަތުގެ ދަށުން މިހާރުވެސް ގިނަ ރަށްތަކެއްގެ މަޢުލޫމާތު އެއްކޮށްފައިވާކަން ޝަހުމާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ގއ. ވިލިނގިލި، ދ. ކުޑަހުވަދޫ، ކ. ކާށިދޫ ހިމެނެއެވެ. މިރަށްތަކުން ފެންނަންހުރި ދުވަސްވީ މިސްކިތްތަކާއި، އިހު މީހުންގެ ދިރިއުޅުމާއި، އެރަށްރަށާ ގުޅޭގޮތުން އައިސްފައިވާ ވާހަކަތަކާއި، ކުޅެއުޅުނު ކުޅުވަރުތަކުގެ މަޢުލޫމާތުވަނީ އެއްކޮށްފައެވެ.

"ޤައުމީ ލެވެލްއާއި، އަތޮޅު އަދި ރަށު ލެވެލްގައި ފާހަގަކޮށްލެވޭ ތާރީޚީ ކަންތައްތައް އެބަހުރި. ބޭނުންވަނީ މި ހުރިހާ ކަންކަން ދިރާސާކޮށް ޤައުމީ އިންވެންޓްރީއިއެއް އެކުލަވާލަން." ޝަހުމާ ޢަލީ ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ގެންދަނީ ހުރިހާ ރަށްތަކެއް ހިމެނޭހެން ތާރީޚާއި ތަރިކަ ސެމިނާރއެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ބަހުގެ އެކެޑަމީގެ ތާރީޚް ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޝަހުމާ ޢަލީ ވިދާޅުވީ ރަށު ފެންވަރުގައި، ކައުންސިލްތަކުން އިސްނައިގައިގެންވެސް ރަށްރަށުގެ ތާރީޚާ ގުޅޭ މަޢުލޫމާތު އެއްކުރުން މުހިންމުކަމަށެވެ.

"ވަރަށްދިގު މުއްދަތެއް ވެއްޖެ މަޢުލޫމާތު އެއްނުކުރެވޭތާ. އެގޮތުން ރާއްޖެއާ ގުޅޭ މުހިންމު މަޢުލޫމާތު އިނގޭ އެތަށްބަޔަކު ނެތިގެންގޮސްފި. އެހެންވީމަ ފުރަތަމަ މި މަޢުލޫމާތު އެއްކުރަނީ. އެއަށްފަހު ދިރާސާތައް ކުރާނަން." ޝަހުމާ ވިދާޅުވިއެވެ.

ޝަހުމާ ވިދާޅުވީ ރާއްޖޭގެ ތާރީޚާއި ސަޤާފަތަކީ ވަރަށް މުއްސަނދި އެއްޗެއްކަމަށާއި، ތަރިކަ ރައްކާތެރިކުރުމަކީ، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތްކަމަށްވާ ފަތުރުވެރިކަން ކުރިއެރުވުމަށްވެސް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. އަދި އެއްކުރާ މަޢުލުމާތު ފޮތެއްގެ ޒަރިއްޔާއިން ޢާއްމުންނަށް ފެންނާނެހެން ބަހައްޓަނެކަަމަށްވެސް ބަހުގެ އެކެޑަމީއިންބުނެއެވެ