ކުޅިވަރު

ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަދިނުން އިފްތިތާޙުކޮށްފި


ޤައުމީ ޓީމުތަކުގެ
ކުޅުންތެރިންނަށް މުސާރަ ދޭން ނިންމާ، އެކަން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޤައުމީ
ޓީމްތަކުގެ މުސާރަ ސްކީމް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ
ޔާމީން އަބްދުލް ޤައްޔޫމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން  ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ގައުމެއް
ބިނާކުރުމުގައި ކުޅިވަރަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ކުޅިވަރު ކުޅުމުގެ
ތެރެއިން ގައުމެއް ބިނާކުރުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ދަސްކޮށްދޭކަމެއްކަމަށެވެ.
އަދި ރޭ މި އިފްތިތާޙުކުރެވުނު ސްކީމާއި އެކު ގިނަ ޒުވާނުންތަކެއް ކުޅިވަރުގައި
ރާއްޖެއަށް ރީތި ނަން ހޯދަން މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް
ވިދާޅުވިއެވެ.
ރޭ އިފްތިތާޙުކުރެވުނު މުސާރާއިގެ ސްކީމާއިއެކު ދިވެހިރާއްޖޭގައި ފުޅާ
ދާއިރާއެއްގައި ކުޅޭ ތޭރަ ކުޅިވަރަކުން ޤައުމީ ޓީމްގައި ހިމެނޭ ދުއިސައްތަ
ފަންސާހަށްވުރެ ގިނަ އެތްލީޓުންނަށް މުސާރަ ލިބިގެންދާނެއެވެ. "ގައުމީ
ޓީމުތައް - ދިވެހިންގެ ފަހުރު" މި ޝިޔާރުގެ ދަށުން ތައާރަފްކުރި ސްކީމާއެކު
ގައުމީ ޓީމުތަކުން ބޭނުންކުރާނެ ހާއްސަ ނިޝާނެއް ވެސް ރައީސް ޔާމީން ވަނީ ރޭ
ތައާރަފްކޮށްދެއްވާފައެވެ.