ޚަބަރު

ސްރީލަންކަން އެއަރލައިންސްއަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ


ސްރީލަންކަން އެއަރލައިންސްއަށް އެންމެ ބޮޑު ޢާމްދަނީ ލިބޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމަށް، ސްރީލަންކަން އެއަރލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އޭސް ޓްރަވެލްސްއިން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް ފެށީ 2016ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭގެ ފަހުން ކޮންމެ ހަފުތާއަކުވެސް އައްޑޫ ސިޓީ ގަމަށް 3 ދަތުރު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މި ދަތުރުތައް ފެށުމާއެކު ސްރީލަންކަން އެއަރލައިންސްއަށް އުއްމީދު ކުރިވަރުގެ ބޮޑު ތަރުޙީބެއް ލިބެމުންދިޔަައެވެ. ވަކިން ޚާއްޞަކޮށް އައްޑޫ ސިޓީގެ ރައްޔިތުން ސްރީލަންކާއަށް ދާން ކުރި ދަތުރުވެސް ކުރު ވެގެންދިޔައެވެ. ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އޭސް ޓްރަވެލްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާޤު ވިދާޅުވިީ ސްރީލަންކަން އެއަރލައިނަށް އެންމެ ރަނގަޅު އެއް ޢާމްދަނީއެއް ލިބޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ.

"ރާއްޖެއަކީ ސްރީލަންކަން އެއާލައިންސްއަށް އެންމެ ބޮޑު އާމްދަނީއެއް ކޮންޓްރިބިއުޓްކުރާ އެއް ޑެސްޓިނޭޝަން. ރާއްޖެއޭ މިދެންނެވީ މާލެއާއި އައްޑޫއާއި ގުޅިގެން. އަޅުގަނޑުމެންގެ ހިސާބުތައް ދައްކާ ގޮތުގައި ދިވެހިރާއްޖެއަކީ ނަންބަރ ވަން އާއި ނަންބަރ ތިނެކާއި ދެމެދުގެ ރެވެނިއު މޭކްކުރާ ޑެސްޓިނޭޝަން" އޭސް ޓްރަވެލްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާޤު ވިދާޅުވިއެވެ.

ސީދާ ދަތުރުތަކުގެ މާލީ ފައިދާ ސްރީލަންކަން އެއަރލަައިންސަށް ލިބެމުންދާއިރު، އައްޑޫ ސިޓީގެ ރައްޔިތުން ސްރީލަންކާއަށް ދަތުރުކުރުމަށް ކުރިން އުފުލަމުން ދިޔަ ތަކުލީފު ވަނީ ކުޑަވެފައެވެ. އެއީ ސްރީލަންކާއަށް ދަތުރުކުރުމަށްޓަކައި މާލެ އަންނަން ޖެހުމާއެކު، އަތުން ދާ ޚަރަދާއި ދަތުރަށްދާ ވަގުތު ކުޑަވުމެވެ. ހުރިހާ ގޮތަކުން ބެލިނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބެން ފެށި މި މަންފާއާއެކު، ސްރީލަންކާއަށް ދަތުރުކުރާ އައްޑޫ ސިޓީގެ ރައްޔިތުންގެ ޑިމާންޑު ވަރަށް ބޮޑެވެ. ބޭސް ފަރުވާއަށާއި ޗުއްޓީއަށާއި އަދި ޒަރޫރީ އެހެނިހެން ބޭނުންތަކަށް ސްރީލަންކާއަށް ކުރާ ދަތުރުތައް ގިނަވެއްޖެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ ޑިމާންޑަށް ބަލާ ޚާއްޞަ ތާވަލު ދަތުރުތައްވެސް މިހާރު ދަނީ އިންތިޒާމުކުރަމުންނެވެ. މިކަމާ ބެހޭ ތަފުޞީލު ޕީއެސްއެމްއާ ޙިއްސާ ކުރައްވަމުން މުޙައްމަދު ފިރާޤު ވިދާޅުވީ އައްޑޫ ސިޓީއަށް އެ އެއަރލައިންގެ ދަތުރުތައް ފެށުމާއެކު ލިބެމުން އަންނަ ތަރުޙީބަށް ބެލުމަށްފަހު ބޮޑު ޗުއްޓީއާ ދިމާކޮށް ޚާއްޞަ ދެ ފްލައިޓު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އިތުރު ދެ ފްލައިޓެއް އަޅުގަނޑުމެން އިންނާނެ މައުންޓްކޮށްފައި.. ޗުއްޓީތަކާ ދިމާވާ ގޮތަށް. އަޅުގަނޑުމެންނަށް ފްލައިޓެއް އިތުރުކޮށްފަ އަގެއް ހެޔޮ ނުކުރެވޭ. އެއީ އެއާލައިންސް އޮޕަރޭޓްކުރަނީ ވަރަށް ޚަރަދުބޮޑުކޮށް. މާކެޓަށް ބަލާލާއިރުވެސް އަޅުގަނޑުމެން އެސްޓިމޭޓް މިކުރަނީ ބޮޑު ޗުއްޓީގައި އަންނަ ފަސް ފްލައިޓެއްވަރު ފުލް ވެދާނެކަމަށް. ބާކީ ފްލައިޓްތައްދާނީ ހަމަ ކުރީގެ ޕެޓާންގެ ދަށުން 60 ނުވަތަ 65 ވަރަކަށް ޕަރސެންޓް ވަރު. އެހެންވީމަ އިންބައުންޑް މިހާރު މަޑު މަޑުން ރަނގަޅުވަމުން އަންނަނީ. ޗައިނާ، އިނގިރޭސިވިލާތާއި އަދި އެހެނިހެން ޤައުމުތަކައް އިޝްތިހާރުކުރުމާއި ގުޅިގެން ކޮންމެވެސް ވަރެއްގެ ޓުއަރިސްޓް އިފެކްޓެއް އަޅުގަނޑުމެންނަށް ފެނޭ ނަންބަރސްތަކަކުން" ފިރާޤު ވިދާޅުވިއެވެ.

އައްޑޫސިޓީއަކީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ޕްރޮމޯޓު ކުރުމުގެ ޙަރަކާތްތައް ސްރީލަންކަން އެއަރލައިންސުން އަންނަނީ ކުރަމުންނެވެ. އެގޮތުން ޔޫރަޕުގެ ޤައުމުތަކާއި، ޗައިނާއާއި، މެލޭޝިޔާއާއި، ސިންގަޕޫރާއި، އިންޑިޔާގެ އެކި ސިޓީތަކުގައި އައްޑޫ ސިޓީއަށް ޓާގެޓް ކޮށްގެން އިޝްތިހާރުކުުރުމުގެ ގިނަ ޙަރަކާތްތަކެއް ކުރިޔަށްގެންދާކަމަށް ސްރީލަންކަން އެއާލައިންސުން ބުނެއެވެ. އަދި އައްޑޫ ސިޓީގެ ގެސްޓް ހައުސް މާކެޓަށް ޓާގެޓް ކޮށްގެން ފޭމް ޓްރިޕެއް ރާވަމުންދާ ކަމަށްވެސް އެ އެއާލައިންސުން ބުނެއެވެ.

ސްރީލަންކަންއިން އައްޑޫ ސިޓީއަށް ކުރާ ދަތުރުތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުނެވެ. ސްރީލަންކަން އެއާލައިންސްގެ އިތުރުން ދެކުނު އެފްރިކާގެ ޖޮހަނަސްބާރގުން އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަމަހުގެ ދެވަނަ ދުވަހު ސީދާ ދަތުރުތައް ފެށުމަށްވެސް ވަނީ ތައްޔާރުވެފައެވެ.