ޚަބަރު

ނޭޝަނަލް ސްޓޫޑެންޓްސް ލޯން ސްކީމް މެނޭޖް ކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި


ނޭޝަނަލް ސްޓޫޑެންޓް ލޯން ސްކީމާގުޅޭގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާގައި ވަނީ ނޭޝަނަލް ސްޓޫޑެންޓްސް ލޯން ސްކީމް މެނޭޖްކުރާނެ ގޮތާއި، ފަންޑު ހޯދާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން އާއި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި އެ ދެ މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ނޭޝަނަލް ސްޓޫޑެންޓް ލޯން ސްކީމް މެނޭޖް ކުރުމާގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ސްޓޫޑެންޓް ލޯން ސްކީމުގެ ދަށުން މިހާރު ލޯނު ނަގާފައިވާ ދަރިވަރުންނަށް އެ ލޯނު އަނބުރާ ދެއްކުމުގައި ތަކުލީފުތަކެއް އުފުލަންނުޖެހޭނެފަދަ ގޮތަކަށް ރިވިއުކޮށް، ރީސްޓްރަކްޗަރ ކުރުމާއި، ހައިއެޗީވާރސް ސްކޮލަރޝިޕް ސްކީމް މުރާޖާއާކޮށް، އެ ސްކީމަކީ އޯ.އީ.ސީ.ޑީގެ ޤައުމުތައް ހިމެނޭ ގޮތަށް ކަނޑައެޅޭ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމް / ޔުނިވަރިސިޓީތަކުން ކިޔެވޭނެ ސްކީމަކަށް ހެދުން ހިމެނެއެވެ.

މީގެއިތުރުން ޖީސީއީ އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރުން އިޚްތިޔާރުކުރާ ޔުނިވަރސިޓީއަކުން ފުރަތަމަ ޑިގްރީ ޙާސިލްކުރުމަށް ސްކޮލަޝިޕް ދިނުމާއި، ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމަޔަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމާއި، ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް އިންޓްރެސްޓް ކުޑަ ލޯން ތަޢާރަފްކުރުންވެސް ހިމެނެއެވެ.