ސިޔާސީ

މަޖިލިސް އިންތިޚާބާމެދު 4 ލީޑަރުން މަޝްވަރާ ކުރައްވައިފި


ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ގުޅިފައިވާ ހަތަރު ޕާޓީގެ ގޮނޑިތަކާމެދު މާދަމާ ގޮތެއް ނިންމަވާނެކަމަށް ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުން ވިދާޅުވެއްޖެއެވެ.

ހަތަރު ލީޑަރުން މިހެން ވިދާޅުވީ މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވެވި އެބޭފުޅުންގެ ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުންނެވެ. މިބައްދަލުވުމުން ނިންމަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ އިންތިޚާބުގައި ވާދަކުރާނެ ގޮތެއް ނިންމާނީ ހަތަރު ޕާޓީއަށް އެއްބަސްވެވޭ އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ކަމަށެވެ.

"ބައްދަލުވުން ކުރިއަށްދިޔައީ ވަރަށް އެކުވެރިކަމާއެކު މިނިވަން ޖައްވެއްގައި. އަޅުގަނޑުމެން ނިންމީ އަދިވެސް އަޅުގަނޑުމެންގެ ވާހަކަތަށް ކުރިއަށްގެންގޮސް މަޝްވަރާކޮށްގެން ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަކަށް މިކަން ނިންމަން"

ރައީސް މައުމޫން ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ނުވަތަ އެރައްޔިތުން އިޚްތިޔާރުކުރާ ގޮތަކަށް އިންތިޚާބުގައި ބައިވެރިވެވޭނެ ފުރުސަތު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް ލިބޭނެކަމަށާއި ލީޑަރުންގެ ވިސްނުންފުޅުހުރީ އެގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި މަސައްކަތް ކުރަމުންނެއް ނޫން މިދަނީ ރާއްޖޭގެ ރައްޔިތުން އެ ރައްޔިތުން ބޭނުންވާ، އިހްތިޔާރް ކުރާ ގޮތަށް އެ ރައްޔިތުންނަށް އިންތިހާބުތަކުގައި ބައިވެރިނުވެވޭނެ ގޮތަކަށް ނޫން މިދަނީ. ޕާޓީތަކުން ގޮތެއް ނިންމާނީ އިރާދަކުރެއްވިއްޔާ ހުރިހާ ބޭފުޅުންނަށް އެއްބަސްވެވޭ ގޮތަކަށް. އަޅުގަނޑު މި އުންމީދުކުރަނީ މާދަމާއަށް ގޮތެއް ނިންމޭނެ ކަމަށް."

ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ، ރައްޔިތުން މާޔޫސްވާނެ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން ނުނިންމާނެ ކަމަށެވެ. އަދި ރައީސް މައުމޫނާއި ރައީސް ނަޝީދު ވިދާޅުވި ގޮތަށް ޖުމްހޫރީ ޕާޓީންވެސް ޢަމަލުކުރާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުން މާޔޫސްނުވާނެ ގޮތަކަށް ފޯމިއުލާއެއް ނެރޭނަން. އެއީ މެޖިކް ފޯމިއުލާއެއްތޯ ތިޔަ ބޭފުޅުން ސުވާލު ނުކުރައްވާތި، އެކަމަކު ނެރޭނީ އެ ފޯމިއުލާ."

މަޖިލީހުގެ ރައީސް ޤާސިމް ވިދާޅުވި އެވެ.

ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝައިޚު އިމްރާން ޢަބްދުﷲ ވިދާޅުވީ ކޯލިޝަނުން މަސައްކަތް ކޮށްފައިވަނީ ހުރިހާ ޕާޓީއަކަށްވެސް އެއްބަސްވެވޭ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށް ޝައިޚް އިމްރާން ވިދާޅުވި.

"އަޅުގަނޑު އުއްމީދު ކުރަނީ އަޅުގަނޑުމެން ހަތަރު ޕާޓީ އެކުގައި މަޝްވަރާކޮށްގެން މިކަމުގައި ރައްޔިތުންނާއި މުޅި ޤައުމަށް އެންމެ ފައިދާ ހުރި ގޮތެއް ނެރެވޭނެ ކަމަށް"

އިމްރާން ވިދާޅުވި އެވެ.

އެމްޑީޕީ އޮފީހުގައި ކުރިއަށްގެންދިޔަ މިބައްދަލުވުމުގައި، ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުންނާއި ޕާޓީތަކުގެ އެހެން އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.