ޚަބަރު

30.3 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓު މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފި


އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފިއެވެ. މަޖިލީހުން ފާސްކުރި ބަޖެޓަކީ 30.25 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރާއްޖޭގައި މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ. އަންނަ އަހަރުގެ ބަޖެޓު ފާސްކުރިއިރު އަންނަ އަހަރުގެ ބަޖެޓަށް ކޮމެޓީން ހުށަހެޅި ހުރިހާ އިޞްލާޙުތަކެއްވެސް ވަނީ ފާސްކޮށްފައެވެ.

ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކަށްވެސް ފައިސާ ހިމަނައިގެން މަޖިލީހަށް ހުށަހެޅި ބަޖެޓަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިން މަޖިލީހަށް ހުށަހެޅި ބަޖެޓެކެވެ. ނަމަވެސް މި ބަޖެޓު މަޖިލީހަށް ހުށަހެޅުއްވީ ރައީސް ޞާލިޙުގެ ލަފާގެ މަތިން ކަމަށް މަޖިލީހަށް ބަޖެޓު ހުށަހެޅުއްވި ކުރީގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީ ހިމަނައިގެން ޢާމްދަނީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ކޮމެޓީން ފާސްކުރި ބަޖެޓުގައި ހިލޭ އެހީގެ ހިމަނައިގެން ޢާމްދަނީގެ ގޮތުގައި 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދެ ހަފްތާގެ މުއްދަތައް ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު ބައެއް އޮފީސްތަކަށް ވަނީ އެ އޮފީސްތަކުން އެދުނު ވަރުގެ ބަޖެޓެއް ދީފައެވެ. އަދި ހަމައެއާއެކު ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީގެ ބަޖެޓަށްވެސް ވަނީ ބޮޑެތި އިޞްލާޙުތަކެއް ގެނެސްފައެވެ.

  • ފައިސާ އިތުރު ކުރުމަށް ނިންމި އޮފީސްތައް:
  • • ފޮރިން މިނިސްޓްރީ
  • • ހަޔާ އެޑިއުކޭޝަން
  • • ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން
  • • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

އޮފީސްތަކަށް އިތުރުކުރި ބަޖެޓާއި އަދި ޕީއެސްއައިޕީގެ ޕްރޮގްރާމްތަކަށް އިތުރުކުރި ބައިތަކާއި އެކު ބަޖެޓުގެ ޚަރަދުތަކުގެ ތެރެއަށް އިތުރު 180 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައެވެ.