ޚަބަރު

ރައީސް މަޢުމޫނަށް ޖާބިރު 29 މިލިއަން ރުފިޔާ ދިން ވާހަކަ ދޮގުކޮށްފި


ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމަށް 29 މިލިއަން ރުފިިޔާ ވިޔަފާރިވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސްޕެޝިއަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ޢަބްދުﷲ ޖާބިރު ދެއްވި ކަމަށް ބުނެ ދެއްކެވި ވާހަކަފުޅު މައުމޫން ރިފޯމް މޫވްމަންޓުން ދޮގުކޮށްފި އެވެ.

ޖާބިރު އެފަދައިން ވިދާޅުވީ އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޖާބިރު ވިދާޅުވީ އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ވިލިނގިލި ދާއިރާއަށް އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ކުރިމަތިލައްވާނެ ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅުއްވާ ބޭފުޅަކަށް ރައީސް މަޢުމޫން ވެވަޑައިނުގަންނަވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"29 މިލިއަން ރުފިޔާ ރައީސް މަޢުމޫނަށް އަހަރެން ދިނިން އެމްޑީޕީ ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް،" ޖާބިރުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޖާބިރު ކުރައްވާފައިވާ ޓްވީޓު

ޖާބިރުގެ ވާހަކަތައް ދޮގުކޮށް އެމްއާރްއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށްވެސް އަދި އިންތިޚާބުގެ އެއްވެސް ކަމަކަށް ޖާބިރުގެ ފަރާތުން ރައީސް މަޢުމޫނަށާއި އެމްއާރްއެމަށް އެއްވެސް ފައިސާއެއް ދީފައި ނުވާ ކަމަށެވެ.

ޖާބިރުގެ އަނބިކަނބަލުން ވިލިނގިލި ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވިއިރު ޖާބިރުވެސް ވަނީ އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.