ޚަބަރު

ޖަޕާނަކީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމުގައި މުހިންމު ބައިވެރިއެއް- ނާއިބު ރައީސް


ޖަޕާނަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ މުހިންމު ބައިވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮޓެލް ޖެންގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވަނީ ޖަޕާނުގެ އެމްޕެރާއަށާއި، ޝާހީ އާއިލާ އަދި ޖަޕާނުގެ އެންމެހާ ރައްޔިތުންނަށް ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޖަޕާނާއި ދެމެދުގައި ޒަމާނުއްސުރެ އޮންނަ ރަޙްމަތްތެރި ގާތް ގުޅުމާއި، އިތުބާރާއި، އެއްޤައުމު އަނެއް ޤައުމު ދަންނަ މިންވަރު ހާމަކުރެއްވިއެވެ. އަދި ރާއްޖެއަށް ޖަޕާނު ސަރުކާރުން ކޮށްދެއްވާފައި ހުރި ބައެއް ކަންތައްތައް ފާހަގަކުރައްވައި އެކަންތައްތަކުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރިމަގުގައި ރާއްޖެއާއި ޖަޕާނު ގުޅިގެން އިތުރު ކަންކަން ކުރިއަށްގެންދިއުމާއިއެކު ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ޑިމޮކްރަސީގެ ރީތި އުޞޫލުތައް ފާހަގަކުރައްވާ އެކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުން ދިން އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ކަޒޫމީ ވިދާޅުވީ، ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ކަންކަން ހުށަހަޅާ މަޝްވަރާކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޖަޕާނުގެ ބޮޑުވަޒީރުގެ އެޑްވައިޒަރ އިސްކޮށް ހުންނަވާ ވަފުދެއް ދިވެހިރާއްޖެއަށް މިއަންނަ ހަފްތާގައި ވަޑައިގަންނަވާނެ ކަމަށެވެ. ސަފީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދާއި މުޖުތަމަޢަށް ފައިދާކުރަނިވި ބަދަލުތަކެއް ގެނެސްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

މި ރަސްމިއްޔާތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ އާއި ރާއްޖޭގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.