ތަޢުލީމު

ހަޔަރ އެޑިއުކޭޝަން ދާއިރާ ތަރައްޤީ ކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ދައުރު މުހިންމު- މިނިސްޓަރ


ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ދާއިރާ ތަރައްޤީ ކުރުމުގައި ޕްރައިވެޓް ސެކްޓަރ ތަކުގެ ދައުރު މުހިންމުކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން، މިހެން ވިދާޅުވީ، ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ފީމްގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވުމަށް އެ ޖަމްޢިއްޔާގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ހަޔަރ އެޑިއުކޭޝަން ގެ ދާއިރާ ތަރައްޤީ ކުރުމުގައި ޕްރައިވެޓް ސެކްޓަރ ތަކުން އަދާކުރާ ރޯލްގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރުން ވެފައިވާ މަތީ ތަޢުލީމާ ބެހޭ ވަޢުދުތައް ތަންފީޒުކުރުމުގައި، ސްޓޭކް ހޯލްޑަރުންގެ ގޮތުގައި "ފީމް"ގެ ބައިވެރިވުން މުހިއްމުކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ މަތީތަޢުލީމާބެހޭ ކަންކަމުގައި ފީމްގެ މަޝްވަރާ ހޯއްދަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފީމްގެ މެންބަރުންވަނީ ސަރުކާރުން ރާއްޖޭހެ ހަޔަރ އެޑިއުކޭޝަންގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެ ޖަމްޢިއްޔާގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދީފައެވެ.