ޚަބަރު

މާލޭގައި އަނެއްކާވެސް ބަހުގެ ޚިދުމަތް ދޭން ފަށަނީ!


މާލޭގައި ވަރަށް އަވަހަށް ބަހުގެ ޚިދުމަތް ދޭން ފަށާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މާލޭގައި އަލުން ބަހުގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. މިގޮތުން ބަހުގެ ޚިދުމަތްދިނުމަށް ކުދި ބަސް ތަކެއް ގެނައުމަށް ވާހަކަދެކެވެމުންދާއިރު، މިކަމަށް ބޭނުންވާ ޕްލޭން މިހާރު އެކުލަވާލަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބަހުގެ ޚިދުމަތުގެ ތެރެއިން މާލޭގައި އެހިދުމަތް ދޭ ގޮތަށް ހަމަޖެހިފައިވަނީ. އެކަމަކު މިހާރު އަޅުގަނޑުމެން ގެންގުޅޭ ބަސްތަކަކީ ބޮޑެތި ބަސްތަކަކަށްވުމުން، އެ އެއްޗެތި މާލޭގެ މަގުތައް ކުޑަވުމުން ނުދުއްވޭނެ. އެހެންވެ އަޅުގަނޑުމެން މާލެއަށް މިޖެހެނީ މިނީ ބަސް ނުވަތަ ކުދި ބަސް ގެންނަން. އެޕްލޭންވެސް ވަރަށް އަވަހަށް އެކުލަވާލާފައި، ވަރަށް އަވަހަށް މި ޚިދުމަތް ދޭން ފަށާނަން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މީގެކުރިން މާލޭގައި ބަހުގެ ޚިދުމަތް ކުޑަ ދުވަސްކޮޅަކަށް ދިންނަމަވެސް އެ ޚިދުމަތްވަނީ އެކި ސަބަބުތަކާހުރެ ހުއްޓާލާފައެވެ. މާލޭގައި ބަހުގެ ޚިދުމަތް ދިނުމަކީ، އައު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރާނެކަމަށް ވެފައިވާ ވައުދެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބަހުގެ ޚިދުމަތާއި، ޕާކިން މައްސަލަ އަދި އެހެނިހެން ކަންކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ކަމާއި ގުޅުންހުރި އެކިއެކި މުއައްސަސާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންގޮސްފައެވެ.