ވިޔަފާރި

މާލެއާއި، ހުޅުމާލޭގައި ބަސް ސްޓޮޕްތައް އިތުރުކޮށް، ބަހުގެ ޚިދުމަތް ފުޅާކުރަނީ..


މާލެއާއި ހުޅުމާލޭގައި އިތުރު ބަސްޓޮޕްތައް ޤާއިމްކޮށް، މި ހަފްތާ ބަންދު ތެރޭގައި ޚިދުމަތްދޭން ފަށާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވެއްޖެއެވެ.
ރަފީއު މިހެން ވިދާޅުވީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރަފީއު ވިދާޅުވީ މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ދެވޭ ގްރޭޓަރ މާލޭ ބަހުގެ ޚިދުމަތުގެ ދަށުން މާލޭގެ ސްޓޮޕުން ގޮސް ހުޅުމާލޭ އެންޓްރެންސްއާއި ހަމައިން ފައިބަން ޖެހޭނެކަމަށެވެ. އަދި ހުޅުމާލޭ ތެރެއަށް ދިއުމަށް ހުޅުމާލޭގެ ނެއިބަރ ހުޑް ބަހަކަށް އަރަންޖެހޭނެކަމަށެވެ.
ނަމަވެސް ސަރުކާރުގެ 30 ދުވަހުގެ ތެރޭގައި ހައްލުކޮށްދިނުމަށް ވެފައިވާ ވައުދުތަކުގެ ދަށުން އާންމު ދަތުރު ފަތުރުގެ ޚިދުމަތް ވީހާވެސް ލުއިފަސޭހަވާނޭގޮތަކަށް ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މާލޭއާއި ހުޅުމާލޭގައިވެސް އިތުރު ބަސް ސްޓޮޕްތަކެއް ކަނޑައަޅާ، ބަހުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް މިހަފްތާ ބަންދުގައި ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ރަފީއު ވިދާޅުވިއެވެ.

"ހުޅުމާލެއަށް ދާ އެއްވެސް މީހަކަށް ނެއިބަރހުޑް ބަހެއް ނަގައިގެން ނޫނީ ހުޅުމާލެ ތެރެއަށް ދެވޭނެ އިންތިޒާމެއް މިހާރު ނެތް. ހުޅުމާލެއަށް ދާ މީހަކުނަމަ އެތައް އިރަކު އެބަ ހުންނަންޖެހޭ.. ވިއްސާރަޔަސް، ހޫނު ގަދަޔަސް މަޑުކުރަންޖެހޭ އެ މީހަކު. އެހެންނަމަވެސް އަޅުގަނޑުމެން އިތުރު ހަތަރު ފަސް ސްޓޮޕެއް މި އެކި ހިސާބުތަކުގައި ޤައިމްކުރަނީ. އޭގެ ތެރޭގައި އަޅުގަނޑުމެން މި ކަވަރ ކުރަނީ މިހާރު ހުޅުމާލޭގައި ފެރީ ޓާރމިނަލް ހުރި ހިސާބުން ފެށިގެން ގޮސް އިއްޒުއްދީން މަގާ ހަމަޔަށް. އެހިސާބުން ދެކޮޅަށްވެސް ބަސް ޓޮޕްތައް އަޅުގަނޑުމެން އެބަ ބަހައްޓަން. އެކި ހިސާބުތަކަށް މީހުންނަށް ދަތިނުވާގޮތަކަށް. އެއީ ސްކޫލްތަކާއި އެހެން ތަންތަނަށް އެކްސެސް ވެވޭނެހެން" މުހައްމަދު ރަފީއު ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލޭގައި އިތުރު ބަސްޓޮޕްތައް ޤާއިމްކޮށް، މި ހަފްތާ ބަންދު ތެރޭގައި ޚިދުމަތްދޭން ފަށާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނިނަމަވެސް، މިކަމާއި ގުޅިގެން ބަހުގެ ޚިދުމަތުގެ އަގުތަކަށް އަންނާނެ ބަދަލެއް އެއޮތޯރިޓީން ހާމަކޮށްފައެއްނުވެއެވެ.