ޚަބަރު

ވެރިކަމަށް ކުރިމަތިލެވޭ މަތީ ޢުމުރު ކޮމެޓީން އުވާލައިފި


އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސްކަމަށް ކުރިމަތި ނުލެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލު އުވާލާ ކުރިން އޮތްގޮތަށް ބަދަލުކުރުމަށް އެ އިޞްލާޙު ދިރާސާކުރި ވަގުތީ ކޮމެޓީން ނިންމައިފިއެވެ.

ކެލާ ދާއިރާގައި މެންބަރު އަލީ އާރިފު މަޖިލީހަށް ހުށަހެޅުއްވި މި އިޞްލާޙު ދިރާސާކުރީ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީއަކުންނެވެ. ކޮމެޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި އިޞްލާހު ފާސްކުރީ ބިލާއި ގުޅޭގޮތުން މަޖިލިސް ތަޅުމުގައި މެންބަރުން ފާޅުކުރެއްވި ޚިޔާލާއި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބުތަކުގެ މައްޗަށް ބެލުމަށްފަހުއެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާ މީހަކީ އުމުރުން ތިރީސް ފަސް އަހަރުގެ މީހަކަށް ވާންޖެހޭނެކަމެށެވެ. އެ މަޤާމަށް ކުރިމަތިލެވޭނެ އެންމެ މަތީ އުމުރެއް ކަނޑައަޅާފައެނުވެއެވެ. އެހެންނަމަވެސް 2015 އަހަރުގެ ޖޫން މަހުގެ 24 ވަނަދުވަހު މަޖލީހުގެ 78 މެންބަރުގެ ތާއީދާއެކު ޤާނޫނު އަސާސީއަށް ބަދަލުގެނެސް ވެރިކަމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރަކީ 65 އަހަރުކަމަށް ވަނީ ކަނޑައަޅާފައެވެ.

ޤާނޫނު އަސާސީ ތަސްދީޤު ކުރިއިރު އޮތް ގޮތަށް ވެރިކަމަށް ކުރިމަތިލެވޭ ޢުމުރު ބަދަލު ކުރުމަށް އިސްލާޙު ހުށައަޅުއްވަމުން އަލީ އާރިފް ވިދާޅުވީ، އެގޮތަށް އިޞްލާޙު ހުށައެޅުއްވީ، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ރައީސްކަމަށް ކުރިމަތިލެވޭނެ އެންމެ މަތީ ޢުމުރެއް ކަނޑައަޅަފައިނުވާއިރު، ރާއްޖޭގައިވެސް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ރައީސްކަމަށް ކުރިމަތިލުމުގެ ހައްގު އޮންނަންޖެހޭނެކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.