އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ފާސްކުރުމަށްޓަކައި ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިރޭ 8:30ގައި ފެށުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާވެސް މިހާރު މަޖިލިސް އިދާރާއިން ވަނީ ޢާއްމުކޮށްފައެވެ. އެޖެންޑާގައިވާ ގޮތުގައި މިރޭ އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވޯޓަށް އަހާނެއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބަޖެޓު ދިރާސާކުރާ ކޮމެޓީން އަންނަ އަހަރުގެ ބަޖެޓު ފާސްކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ކޮމެޓީން ބަޖެޓު ފާސްކުރިއިރު އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 30.25 ބިލިއަން ރުފިޔާ ވަނީ ފާސްކޮށްފައެވެ.
ބަޖެޓަށް ވޯޓަށް އެހުމުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް މަޖިލީހުގެ މިރޭގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އެގޮތުން އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސްކަމަށް ކުރިމަތި ނުލެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލު އުވާލާ ކުރިން އޮތްގޮތަށް ބަދަލުކުރުމަށް ވަގުތީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލިސް ތަޅުމަށް މިރޭ ހުށަހަޅާނެއެވެ. އަދި ޕެޑުން ނަގާ ޖީއެސްޓީ ކަނޑާލުމަށް މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކުހުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާހު ދިރާސާކުރި ކޮމެޓީގެ ރިޕޯޓުވެސް މަޖިލިސް ތަޅުމަށް މިރޭ ހުށަހަޅާ ގޮތަށް ވަނީ އެޖެންޑާކޮށްފައެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމާފައިވާއިރު މިރޭގެ ޖަލްސާގައި ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކުރެއްވުންވެސް އޮންނާނެއެވެ.