ޚަބަރު

ސިޔާސީ މަޤާމުތަކާއި ބޯޑުތަކަށް އައްޔަންކުރާނީ މާލީ ބަޔާނަށް ބެލުމަށްފަހު - ރައީސް އޮފީސް


ސިޔާސީ މަޤާމުތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް ޢައްޔަން ކުރައްވާ ބޭފުޅުންގެ މަޢުލޫމާތާއި ތައުލީމީ ފެންވަރާއި މާލީ މައުލޫމާތުތައް ސާފުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ސިޔާސީ މަޤާމުތަކާއި، ސަރުކާރު ކުންފުނިތަކުގެ ބޯޑަށް ޢައްޔަން ކުރައްވާ ބޭފުޅުން ފުރިހަމަ ކުރައްވަންޖެހޭ މަޢުލޫމާތު ފޯމް ފުރިހަމަ ކުރައްވާއިރު، އެ ބޭފުޅެއްގެ ޢާންމު މަޢުލޫމާތާއި، ތަޢުލީމީ ފެންވަރާއި، ތަމްރީނާއި ތަޖުރިބާއާއި، އެބޭފުޅަކަށް ލިބިވަޑައިގަންނަވާ އާމްދަނީއާއި، އެބޭފުޅެއްގެ މުދަލާއި، ފައިސާއާއި، ދަރަންޏާބެހޭ މަޢުލޫމާތު ހިމަނަން ޖެހޭ ގޮތަށް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމެވުމުން ސިޔާސީ މަޤާމުތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް ޢައްޔަން ކުރައްވާ ބޭފުޅުންނަށް މަޤާމުތައް ދެއްވާނީ އެ އިޤްރާރު، އެބޭފުޅަކު ފުރިހަމަކުރެއްވުމުން، ފޯމުގައިވާ މަޢުލޫމާތުތަކަށް ބެއްލެވުމަށްފަހު ކަމަށެވެ.

ސިޔާސީ މަޤާމުތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް ޢައްޔަން ކުރައްވާ ބޭފުޅުން ފުރިހަމަ ކުރައްވަންޖެހޭ މަޢުލޫމާތު ފޯމުގެ އިޤްރާރު 4 ވަނަ ނަންބަރުގައިވާ އާމްދަނީއާއި، މުދަލާއި، ފައިސާއާއި، ދަރަންޏާބެހޭ މަޢުލޫމާތު ހާމަކުރައްވާ ގޮތަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން މިގޮތަށް ބުނެފައިވާއިރު ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި މިނިވަން މުޢައްސަސާތަކަށް ޢައްޔަން ކުރާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން ހާމަކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަކީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރާނެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.