ވިޔަފާރި

ލިކަމެކްއިން ބާއްވާ ނައިޓް މަރކެޓާ ވިޔަފާރިވެރިންގެ ޖަމްޢިއްޔާއާ ގުޅުމެއް ނެތް


ލިކަމެކް ކުންފުނިން އަންނަ އަހަރު ބޭއްވުމަށް އިއުލާންކޮށްފައިވާ ނައިޓް މާކެޓަކީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއާ އެއްވެސް ގުޅުމެއް އޮތް ނައިޓް މާކެޓެއް ނޫންކަމަށް އެ ޖަމްޢިއްޔާއިން ބުނެފިއެވެ.

ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމްޢިއްޔާގެ ހަޒާންދާރު މިސްރު މުހައްމަދު ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ނައިޓް މާކެޓް ބޭއްވުމަށް އިއުލާންކޮށްގެން އެކަމުގެ ޝަކުވާ އެ ޖަމިއްޔާއަށް ލިބެމުންދާކަމަށެވެ. ނަމަވެސް ބާއްވަން އިޢުލާންކޮށްފައިވާ ނައިޓް މާކެޓަކީ އެ ޖަމިއްޔާއާއި އެއްވެސް ގުޅުމެއް އޮތް ނައިޓް މާކެޓެއް ނޫންކަމަށް މިސްރު ވިދާޅުވިއެވެ.

މިސްރު ވިދާޅުވީ މީގެ ކުރިންވެސް އަމިއްލަ ބައެއް ފަރާތްތަކުން ނައިޓް މާރކެޓް ބޭއްވުމުގެ ނަމުގައި ވިޔަފާރިވެރިންގެ އަތުން ފައިސާ ނަގާފައިވާ ކަމަށާއި މިފަދަ ކަންތައްތަކާމެދު ހޭލުންތެރިވާންޖެހޭކަމަށެވެ. އަދި ނައިޓް މާކެޓް ބޭއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އެކު ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން މަޝްވަރާ ކުރަމުން އަންނަކަމަށާއި، ވިޔަފާރިވެރިންގެ ޖަމްޢިއްޔާ ފިޔަވައި އެހެން ފަރާތްތަކަށް ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ނޯންނާނޭކަމަށްވެސް މިސްރު ވިދާޅުވިއެވެ.

ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާ ފިޔަވައި އިތުރު ބަޔަކަށް ދީފައިނުވާނޭކަމަށް އެޖަމިއްޔާއިން ބުނެފައިވާއިރު، އަމިއްލަ ކުންފުންޏެއްކަމަށްވާ ލިކަމެކުން ވަނީ، އަންނަ އަހަރު ކުރީކޮޅު ނައިޓްމާކެޓް ބާއްވާނޭކަން ޢިއުލާނުކޮށްފައެވެ. އަދި ނައިޓް މާކެޓުގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިވެރިންނަށް ވަނީ ފުރުޞަތުވެސް ހުޅުވާލާފައެވެ.