ޚަބަރު

ފޮރިން މިނިސްޓަރ ޝާހިދު ޔޫއޭއީއަށް


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް ޢަރަބި އެމިރޭޓްސް، ޔޫއޭއީއަށް ވަޑައިގެންފިއެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޔޫއޭއީއަށް ފުރާވަޑައިގަތުމުގެ ކުރިން ފޮރިންގ މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށެވެ. އަދި ރައީސް ޞާލިޙު އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާތީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އިންޑިއާއިން ތައްޔާރަށް އޮތް ކަމަށެވެ.

ޔޫއޭއީގެ ދަތުރުފުޅާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ޔޫއޭއީގެ އަބޫދާބީއަށް ކުރައްވާ ދަތުރުފުޅުގައި އެޤައުމުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވަން ހަމަޖެހިފައިވާކަމަށެވެ. ޚާއްޞަކޮށް ދެ ޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ އެޤައުމުގެ ރައީސް ރާމްނާތު ކޯވިންދާއި، އެޤައުމުގެ އިސް ވަފްދުގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އިޤްތިޞާދީ ރޮނގުންނާއި، އިޖުތުމާޢީ ދާއިރާއިން އެހީތެރިވެދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ފޮރިން މިނިސްޓަރ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހިންނަށް އިންޑިއާގެ ވިސާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމުގެ ޔަޤީންކަން އެޤައުމުން ވަނީ ފޮރިން މިނިސްޓަރަށް ދެއްވާފައެވެ.