ޚަބަރު

ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމް އަންނަމަހު ފަށަނީ


އަންނަމަހުގެ ކުރީކޮޅު ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ރަށު ފެންވަރުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ "ސްމޯލް ގްރާންޓް ޕްރޮގްރާމް" ފުރިހަމަކުރި ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ތިމާވެށީގެ ދާއިރާއިން ކުރަން ނިންމާފައިވާ ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމެއް އަންނަމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފެށުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ތައްޔާރުވަމުންދާކަމަށާއި، މި ޕްރޮގްރާމްވެގެންދާނީ ވަގުތީގޮތުން ކުޑަ ދުވަސްކޮޅަކަށް ހިންގާ ޕްރޮގްރާމެއްގެ ބަދަލުގައި، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދާނެ ޕްރޮގްރާމަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތިމާވެށި ހިމާޔަތްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ހިމާޔަތްކުރުމަކީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެކަމަށް ބޭނުންވާ ލިސްޓު އެކުލަވާލުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށެވެ.

ޤައުމު ތަރައްޤީކުރުމުގައި ތިމާވެށީގެ ކަންކަމަކީ މި ސަރުކާރުން އިހުމާލުވާނެ ކަންކަމެއް ނޫންކަމަށާއި، ތިމާވެއްޓަކީ ހިލޭ ލިބޭ އެއްޗެކަމަށް ދެކިގެން އަގު ޖަހައިގެން ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތިމާވެށި ބޭނުންކޮށްގެން ފައިދާ ހޯދާކަމަށްވާނަމަ، ތިމާވެށި ރައްކާތެރިކުރުމަށްވެސް ޚަރަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.