ޚަބަރު

ކުރީގެ މެމްބަރު ނާޒިމް މައްސަލައިގެ އަޑު އެހުންތައް ނިންމާލައިފި


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް ނިންމާލައިފިއެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ނާޒިމްގެ މައްޗަށް 25އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައެވެ. އެހެން ކަމުން މި މައްސަލަ ރިވިއު ކުރުމަށް ހުށަހަޅާފައިވަނީ، 2014ވަނަ އަހަރު މި މައްސަލަ ނިންމާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ނާޒިމްގެ ވަކީލުން ވަނީ ދައުލަތުން އަމަލު ކުރިގޮތުން ނާޒިމަށް ޤާނޫނުން ލިބިދޭ އެތައް ހައްޤެއް ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި މައްސަލަ މައުޟޫއީ ގޮތުން ބަލައިގަނެ ސްޕްރީމް ކޯޓުން ހުކުމް ކޮށްފައިވުމުން ނާޒިމަށް މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްޤު ގެއްލިފައިވާކަން ވަކީލުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި މައްސަލައިން ދިފާއު ވުމުގެ ހައްޤުން ނާޒިމް މަޙްރޫމްކޮށް، ދިފާއީ ހެކިން ކޯޓަށް ހާޒިރު ކޮށްދީފައި ނުވާކަމަށް ނާޒިމްގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

މިއަޑުއެހުން ނިންމަވާލައްވަމުން ސްޕްރީމް ކޯޓުން ވިދާޅުވީ، މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނަ އަޑު އެހުމެއްގައި މި މައްސަލައިގައި ހުކުމް ކުރައްވާނެ ކަމަށެވެ.