ޚަބަރު

ޤައުމުގައި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް ކުރަން ޖެހުނު ކޮން


މުޖުތަމަޢުގެ އެކި ފަރާތްތަކާ ގުޅިގެން
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށަށް އަރައި ގަންނަ ނިސްބަތް ހުސްވި ދެހާސް ވަނަ
އަހަރު ވަރަށް ބޮޑުތަން ދަށްކުރެވިފައިވާކަމަށާ، މިފެށުނު އަހަރަކީ، މުޖުތަމަޢުގެ
އަމަން އަމާންކަމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރާނެ އަހަރެއް ކަމުގައި ދިވެހި
ފުލުހުން ޢަޒުމް ކަނޑައަޅައިގެން ތިބި ކަމުގެ ޔަޤީންކަން ދެއްވާކަމަށް ކޮމިޝނަރ އޮފް
ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.



މީލާދީ އާ އަހަރާ ގުޅިގެން ކޮމިޝަނަރ
އޮފް ޕޮލިސް ހުސައިން ވަހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އާ އަހަރަކާ ކުރިމަތިލާއިރު، ކޮންމެ
މީހަކުވެސް އިސްކަންދޭންވީ އެންމެ މުހިއްމު ކަމަކީ ސަލާމަތާ ރައްކާތެރިކަންމަތީ،
ޤައުމުގައި މިނިވަންކަމާއެކު އުޅުމަށް ލިބިފައިވާ އަގުހުރި ފުރުޞަތު
ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. އަދި ޒުވާނުންގެ ހިތްވަރު
އާކޮށް ޒުވާނުންގެ އަޒުމަކަށް ވާންޖެހޭނީ ޤައުމު ބިނާކޮށް، ޒިންމާދާރު ބައެއްގެ
ގޮތުގައި ދެމިތިބެ، ޤައުމު އާރާސްތު ކުރުމުގެ މަސައްކަތް ކުރުމަށްވެސް ކޮމިޝަނަރ އޮފް
ޕޮލިސް ގޮވައިލެއްވިއެވެ.



ކުށުގެ ވެށިން ދުރުވެ، ކުށްވެރި
ޢަމަލުތައް ޤައުމުގައި ހިނގުން މަދުކުރުމުގެ އެންމެ އިސް ސަފުގައި ތިބޭ ބަޔަކަށް
ޒުވާނުން ވުމަށާއި، ޒުވާނުންގެ ކުރިއެރުމަށް ކުރެވޭ ޤައުމީ މަސައްކަތް ބަލައިގަތުމަށްވެސް
ޕޮލިސް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ. މިއަދު ނެރުއްވި ބަޔާނުގައި ކޮމިޝަނަރ
އޮފް ޕޮލިސް މިއަހަރުވެސް ފުލުހުން އެންމެ އިސްކަމެއްދޭނީ، ރައްޔިތުންގެ
ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ޤައުމުގައި ޞުލްޙަ މަސަލަސްކަން ޤާއިމް
ކުރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ސާބިތުކަމާއެކު ކުރުންމަތީ ދެމިތިބުމަށްކަމަށް
ވިދާޅުވިއެވެ.