ޚަބަރު

ރާއްޖޭގެ ކަނޑުތަކަށް ކުނިއެޅުން ހުއްޓުވާނަން - އެންވަޔަރަމެންޓް މިނިސްޓަރ


ރާއްޖޭގެ ތިމާވެއްޓަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކަނޑުތަކާއި، ފަޅުތަކަށް ކުނިއެޅުންކަމަށާއި، އެކަން މި ސަރުކާރުން ހުއްޓުވާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ، ޖެފްގެ ދަށުން ޔޫއެންޑީޕީގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ "ސްމޯލް ގްރާންޓް ޕްރޮގްރާމް" ފުރިހަމަ ކުރި ފަރާތްތަކާއި މި ޕްރޮގްރާމަށް އަލަށް އެވޯޑުވި ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ ޤައުމީ ވާޖިބެއްކަމަށެވެ.

މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކަނޑުތަކާއި، ފަޅުތަކަށް ކުނިއެޅުންކަމަށާއި، ކަނޑުތަކާއި ފަޅުތައް ރައްކާތެރިނުކޮށް ތިމާވެށި ހިމާޔަތް ނުކުރެވޭނެކަމަށެވެ. ވަކިން ޙާއްސަކޮށް ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރާ ބައެއް ރިސޯޓުތަކާއި އަލަށް ތަރައްޤީކުރަމުންދާ ބައެއް ރިސޯޓުތަކުގައި އުފެދޭ ކުނި ފަޅުތެރެއަށް އަޅާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ ޖަޒީރާވަންތައް ސިފަތަކެއް ލިބިފައިވާ ޤައުމެއްކަން ސިފަކުރައްވާ އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ގުދުރަތީގޮތުން ރާއްޖެއަށް ލިބިފައިވާ ސިފަތައް ރައްކާތެރިކޮށް ހިމާޔަތްކުރަންޖެހޭކަމަށާއި، އެކަންކަން ކުރުމުގައި ސަރުކާރުން ފަސްނުޖެހޭނެކަމަށެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ވިޔަފާރީގެ ބޭނުމަށް އެއްރަށުން އަނެއްރަށަށް ރުއްގަސް ގެންދިއުމާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ރުއްގަސްކެނޑުމާއި، އަލަށް ހިއްކާ ރަށްރަށުގެ ބިން ފެހިކުރުމަށް އެހެން ރަށްރަށުން ރުއްގަސް ގެންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ، ޖެފްގެ ދަށުން ހިންގާ ސްމޯލް ގްރާންޓް ޕްރޮގްރާމް، އެސްޖީޕީއަކީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އިޖްތިމާޢީ މަސައްކަތްތައްކުރާ އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކަށް ތަފާތު މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫއެންޑީޕީއާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. 1992 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ރާއްޖެއަށް ތަޢާރަފުކޮށްފައިވަނީ 2010 ވަނަ އަހަރެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރާއްޖޭގެ 16 އަތޮޅެއްގެ 38 ރަށެއްގައި ތިމާވެއްޓާ ގުޅުންހުރި ތަފާތު މަޝްރޫޢުތައް ހިންގުމަށް 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފުރިހަމަކުރި 14 އެންޖީއޯއަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފައިވާއިރު، މި ޕްރޮގްރާމަށް އަލަށް އެވޯޑުވި 16 ފަރާތަކަށްވެސް އެކަމުގެ ލިޔުން ހަވާލުކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ކުޅިތަކާއި، ޗަސްބިންތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ވެބްސައިޓަކާއި، ދިވެހިބޭސް ހެދުމަށް ބޭނުންކުރާ ތަފާތު ފަތްޕިލާވެލީގެ މަޢުލޫމާތު ހިމެނޭ ވެބްސައިޓެއްވެސް ވަނީ ލޯންޗުކޮށްފައެވެ.