ޚަބަރު

މަރުތަކާ ގުޅޭ މަޢުލޫމާތު ހުށަޙެޅުމުގެ ފުރުޞަތު ހުޅުވާލައިފި


މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮމިޝަނަށް، އެފަދަ މައްސަލަތަކުގެ މަޢުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަރުތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ކޮމިޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، މިއަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހާ ދެމެދު ގަސްތުގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން ތަޙްޤީޤު ނުކުރެވި، މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާނަމަ އެފަދަ މައްސަލަތަކުގެ މަޢުލޫމާތު ލިޔުމަކުން ހުށަހެޅުމަށް އެދޭ ކަމަށް ބުނެފައެވެ.

އެ ކޮމިޝަނުގެ އިއުލާނުގައި ބުނެފައިވަނީ ގަސްތުގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންނާއި ގުޅޭ މައްސަލަތަކުގެ މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެފަދަ މަޢުލޫމާތުތައް ޤާޒީ ބިލްޑިންގގައި ހުންނަ އެކޮމިޝަންގެ އިދާރާއަށް ހުށަހެޅުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.

މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އެކުލަވާލި ކޮމިޝަނަކީ އެފަދަ މައްސަލަތައް ބަލާ މައްސަލަތަކުގެ ހަގީޤަތް ހޯދައި އެފަދަ މީހުންނާއި އެ މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން އުފައްދަވާފައިވާ ކޮމިޝަނެކެވެ. އަދި އެއީ އެމަނިކުފާނުފެ ރިޔާސީ ވަޢުދުފުޅެކެވެ.