ސިޔާސީ

އިޤްތިޞާދީ ގޮތުން އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަނީ


ނިމިގެންދިޔަ އަހަރު ރާއްޖޭގައި އިޤްތިޞާދީ
ގޮތުން އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުން ދާކަމަށާއި މިއަދު
މިފެށުނު 2015 ވަނަ އަހަރަކީ، ޤައުމީ ތަރައްޤީގެ މަގުގައި އިތުރު ހަރުފަތްތަކެއް ޙާސިލު
ކުރެވޭނެ އަހަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު
ވިދާޅުވެއްޖެއެވެ.



މިލާދީއާއަހަރުގެ މުނާސަބަތުގައި އެމަނިކުފާނު
ފޮނުވި ތަހުނިޔާގެ މެސެޖްގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފައިވަނީ،
ނިމިގެންދިޔަ އަހަރު އެންމެބޮޑު އިސްކަމެއް ދެއްވީ އިޤްތިޞާދީގޮތުން،  ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް
ޙައްލުކުރުމަށް ކަމުގައެވެ. އަދި އެމަނިކުފާނު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވިއިރު
ކުރިމަތިވެފައިވާ އިގްތިސާދީ ނާޒުކު ހާލަތުން އަރައިގަތުމަށް ކުރެވުނު
މަސައްކަތްތަކުގެ ހެޔޮ ނަތިޖާ ފެންނަމުންދާމަށް ވިދާޅުވިއެވެ.

އެހަންނަމަވެސް
މިކަމުގެ ތަފްސީލަކަށް އެމަނިކުފާނު ވަޑައެއްނުގަންނަވައެވެ.  ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިމިގެންދިޔަ
އަހަރު  ރައްޔިތުންނަށް ކުރިމަތިވި ބުރައާއި
އިޙްސާސްކުރަން ޖެހުނު ތަކުލީފު ތަކަށް  އެކަށީގެންވާ ޙައްލުތަކެއް ހޯދައިދެވުނު ކަމުގައެވެ.
އަދި ހަމަ އެ އަހަރުވެގެންދިޔައީ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން
ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ހޯދައިދެވުނު އަހަރަކަށްކަމުގައިވެސް
ވިދާޅުވިއެވެ. 2014 ވަނަ
އަހަރުވެގެން ދިޔައީ، އިޤްތިޞާދީ ގޮތުންވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރެއްކަމަށް
ވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖްގައި ސަރުކާރުން ތަންފީޒު ކުރަމުންދާ މެނިފެސްޓޯގެ
މައްޗަށް ބައްލަވައިލައްވައި ވިދާޅުވީ ވަޒީފާ ތަކަށް ޒުވާނުން ނެރުމަށް ކުރެވުނު
މަސައްކަތުގެ ދަށުން، ޒުވާނުންގެ
ހުނަރާއި ޤާބިލުކަން އިތުރުކޮށް، މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ޒުވާނުން
ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ  މެސެޖްގައި ރައްޔިތުންގެ މަޖިލީހުން މިއަހަރަށް
ފާސްކޮށްދެއްވި ބަޖެޓަކީ، ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް
ހަމަޖެހިގެންދާނެ، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެތައް
މަޝްރޫޢުތަކެއް ފެށި، އެ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް އިތުރު
ދިރުން ލިބިގެންދާނެ ބަޖެޓެއްކަމަށް ދައްކަވާ ވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ.