ވިޔަފާރި

މިއަހަރުގެ ޖީ20 ސަމިޓްއަށް އާޖެންޓީނާގެ އުންމީދު!


2018 ވަނަ އަހަރުގެ ޖީ20 ސަމިޓް ފެށުމަށް ކައިރިވެފައިވާއިރު، ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވާ އާޖެންޓީނާއި އެންމެފަހުގެ ތައްޔާރީތައް ވާންފަށައިފިއެވެ.

މިއަހަރުގެ ސަމިޓުގައި އާޖެންޓީނާއިން އެންމެބޮޑު އިސްކަމެއްދޭނީ، މިނިވަން ވިޔަފާރީގެ ފުރުސަތުތައް މިހާރަށްވުރެ ފުޅާކުރުމަށްކަމަށް އެޤައުމުގެ ކަމާބެހޭ އޮފިޝަލުން ބުނެއެވެ.
ދުނިޔޭގެ އިޤްތިސާދީ އަދި މާލީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ޤައުމުން ބާއްވާ ގްރޫޕް އޮފް 20 ނުވަތަ ޖީ20 ސަމިޓުގެ މިއަހަރުގެ ބައްދަލުވުން އޮންނާނީ މިހިނގާ ނޮވެމްބަރުމަހުގެ ތިރީހުން ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އާރޖެންޓީނާގެ ވެރިރަށް ބުއެނޮސް އެއިރަސްގައެވެ.

މިސަމިޓަކީ ޖީ20ގެ ޤައުމުތަކާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ އިޤްތިސާދީ އަދި މާލީ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކޮށް، އެކި ނިންމުންތައް ނިންމުމަށް ބާއްވާ ބައްދަލުވުމެކެވެ. ޖީ20 ސަމިޓުގައި އާރޖެންޓީނާ، އޮސްޓްރޭލިއާ، ބްރެޒިލް، ކެނަޑާ، ޗައިނާ، ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ޖާރމަނީ، އިންޑިއާ، އިންޑޮނީޝިއާ، އިޓަލީ، ޖަޕާން، ރަޝިޔާ، ސައުދީ، ސައުތް އެފްރިކާ، ސައުތް ކޮރެއާ، ތުރުކީ އަދި އިނގިރޭސިވިލާތާއި އެމެރިކާގެ އޮފިޝަލުން ބައިވެރިވާނެއެވެ. މީގެތެރޭގައި މިޤައުމުތަކުގެ ސަރުކާރުގެ އޮފިޝަލުންނާއި، މަރުކަޒީ ބޭންކުތަކާއި، އެހެނިހެން އިޤްތިސާދީ އަދި މާލީ މުއައްސަސާތަކުގެ އޮފިޝަލުން ބައިވެރިވާނެއެވެ.

މިއަހަރުގެ ސަމިޓާ ބެހޭ ގޮތުން ޗައިނާގެ ސީސީޓީވީއަށް ދިން ބަސްތީގަތުމެއްގައި، ޖީ20 ގެ ޓެކްނިކަލް ކޮމިޓީގެ ޗީފް ކޯޑިނޭޓަރ ހޭނަން ލޮމްބާޑީ ވިދާޅުވީ މިއަހަރުގެ ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ. ލޮމްބާޑީ ވިދާޅުވީ ސަމިޓުގެ ތެރެއިން އެންމެބޮޑު އިސްކަމެއް ދޭނީ ޖީ20ގެ ހިންގުން ހަރުދަނާކުރުމަށާއި، ޤައުމުތަކުގެ މެދުގައި އޮންނަ މިނިވަން ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުމަށްކަމަށެވެ.

އާރޖެންޓީނާގެ އެންމެ ބޮޑު އުންމީދަކީ މިއަހަރުގެ ސަމިޓުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ އިޤްތިސާދާ، މާލީ ދާއިރާ ހަރުދަނާވެ، ފަހި ފުރުސަތުތަކެއް ހުޅުވިގެން ދިއުންކަމަށް ލޮމްބާޑީ ވިދާޅުވިއެވެ.
މިފަހަރުގެ ޖީ20 ސަމިޓުގައި ޤައުމުތަކުގެ ވަސީލަތްތައް އެންމެ އެކަށީގެންވާގޮތުގައި، ބޭނުންކުރެވޭނެ ގޮތްތައް ކަނޑައެޅުމަށް މަސައްކަތްކުރާނެކަމަށް އޭނާ ފާހަގަކުރިއެވެ. މިގޮތުން ޤައުމުތަކުގެ ތަރައްޤީއާ ގުޅުންހުރި އިޤްތިސާދީ އަދި އިޖްތިމާއީ ކަންކަން ހިންގުމުގައި އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތަބެހޭ ގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އިޤްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ މެދުގައި ބާއްވަމުންދާ އެންމެ ބޮޑު ބައްދަލުވުމުގެ ތާރީހަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން ލޮމްބާޑީ ވިދާޅުވީ ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ޖީ20 ޤައުމުތަކުން ހީވެސްނުކުރާވަރުގެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.
މިގޮތުން ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމާއި، ސެޓަލައިޓްތަކުގެ މަޝްރޫތަކާއި، އޮޕްޓިކަލް ފައިބާރ މަޝްރޫތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖީ20ގެ ހިންގުމާއި ބެހޭ ގޮތުން އާޖެންޓީނާގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރަމުން ލޮމްބާޑީ ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިހާރަށްވުރެ މިނިވަން ވިޔަފާރީގެ އުސޫލުތަކާއި، މާހައުލެއް ޤާއިމްކުރުމާއި ބެހޭގޮތުން މަޝްވަރާކުރާނެކަމަށެވެ.

1999ވަނަ އަހަރު ޤާއިމްކުރި ޖީ20 ގްރޫޕަކީ ބައިނަލްއަޤްވަމީ އިޤްތިސާދީ އަދި ފައިނޭންޝަލް ސްޓެބިލިޓީ ޕްރޮމޯޓުކުރުމުގައި ހަރަކާތްތެރިވާ ބައެކެވެ.