ޚަބަރު

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒެއް ނުކުރާނެ - ދިވެހި ސަރުކާރު


ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ނުކުރާނެކަމުގެ ޔަގީންކަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދީފިއެވެ.

ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ނުކޮށް އޮތް އޮތުން މި ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ. މީގެ އިތުރުން އެމިނިސްޓްރީން ބުނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ ޢާއްމު މަޖިލީހުން އެކުލަވާލާފައިވާ ޤަރާރުގެ ދެލި ކޮޕީ އަށް ރާއްޖެއިން އާނ ބަސް ބުނެ ވޯޓު ދީފައިވާ ކަމަށެވެ.

"މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ"ގެ ނަމުގައި އެކުލަވާލާފައިވާ އެ ދެލިކޮޕީއަށް ރާއްޖޭން ވޯޓު ދިނީ ސްވިޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދ.ގެ އިންސާނީ ހައްގުތަކުގެ ކޮމިޝަންގެ ސެޝަންގައެވެ.

މި ސެޝަންގައި ރާއްޖޭގައި ފަރާތުން ބައިވެރިވެވަޑައިގަތީ ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމުއެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ކަމަށް ބުނެ ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓު

ރާއްޖޭގައި މަރުގެ އަދަބު ނުދޭތާ އެތައް އަހަރުތަކެއްވެފައިވާއިރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމީން އައީ ތަފާތު އެކި ފޯރަމްތަކުގައި ވިދާޅުވަމުންނެވެ. މަރުގެ ޙުކުމް ތަންފީޒު ކުރުމަށްޓަކައި ޤާއިމްކުރަންޖެހޭ ވަޞީލަތްތައް ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ދިޔައީ ކުރަމުންނެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާތީ ބޭރު ޤައުމުތަކުން އޭރު ދިޔައީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ނަމަވެސް ރައީސް ޔާމީންގެ ފުރިހަމަ ރިޔާސީ ދައުރެއް ނިމިގެން ދިޔައިރުވެސް ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރެވިފައެއްނުވެއެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ކަމަށް ރައީސް ޞާލިޙުގެ ސަރުކާރުން އިޢުލާން ކުރިއިރު މަރުގެ އަދަބު ދިނުމަށް ޝަރުއީ ހުރިހާ މަރުހަލާތަކުން ހުކުމް އިއްވާފައިވާ ތިން މީހަކު މިވަގުތުވެސް ޖަލުގައި އެބަ ހުއްޓެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހްމަދާއި ވަކީލު އަހްމަދު ނަޖީބްގެ ގާތިލް އަހްމަދުގެ މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދުގެ ގާތިލު މުހައްމަދު ނަބީލެވެ.