ޚަބަރު

މާލެއާއި ހުޅުމާލޭގައި ބަސް ސްޓޮޕްތައް އިތުރުކުރަން މަޝްވަރާކޮށްފި


މާލެއާއި ހުޅުމާލޭގައި ބަސް ސްޓޮޕްތައް އިތުރުކުރުމާ ބެހޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަހުލާ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގައި ކުރިޔަށް ދިޔަ މިބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާރވިސް، ހައުސިން މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މިބައްދަލުވުމުގައި ރައްޔިތުންނަށް ދެވޭ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ އަދި ހުޅުމާލޭގައި އިތުރު ބަސް ސްޓޮޕްތައް ކަޑައެޅުމަށް މަޝްވަރާކުރެވުނުކަމަށެވެ. އަދި މާލޭގައި ވެހިކަލްތަކަށް މުދާ އަރުވާ، ބޭލުމަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅުމާއި ބެހޭ ގޮތުންވެސް މަޝްވަރާކުރެނުކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މައުލޫމާތުދެއެވެ.

މިބައްދަލުވުމުގައި މާލޭއާއި ހުޅުމާލޭގައި ދެމުންދާ ޓެކްސީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާބެހޭ ގޮތުންވެސް މިނިސްޓަރ ޢާއިޝާ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރެއްވިއެވެ. މިގޮތުން ޓެކްސީ ޕާކިން ޒޯންތަކެއް ކަޑައެޅުމާބެހޭ ގޮތުންވެސް މަޝްވަރާކުރިކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.