ޚަބަރު

ފޮރިން މިނިސްޓަރ އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައިފި


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާގެ ރައީސް ރާމްނާތު ކޯވިންދާ ބައްދަލުކުރައްވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އިންޑިއާގެ ރައީސްގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންޑިއާއާއިއެކު އޮތް ގުޅުން ބަދަހިކުރުމަށް އިސްކަންދެއްވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙުގެ ޒައާމަތުގައި އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް އުއްމީދުކުރައްވަކަމަށް ވިދާލުވެފައިވެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރގެ ދަތުރުފުޅުގައި ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ނިރްމާލާ ސީތާރާމަންއާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއައި ދެމެދު ދިފާޢީގުޅުން ބަދަހިކޮށް، ދިފާޢީ ގުޅުން ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އިންޑިއާއަކީ ރާއްޖެއަށް އެންމެ ބޮޑެތި އެހީ ވެދެއްވާ ޤައުމުކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން މިނިސްޓަރު އިންޑިއާގެ ރައީސްއާ ބައްދަލުކުރެއްވިއިރު އަންނަ މަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.