ވިޔަފާރި

މާލީ ޓެކްނޮލޮޖީ ރެގިއުލޭޓްކުރުމަށް ހަރުދަނާ އުސޫލްތަކެއް ޤާއިމްކުރަންޖެހޭ- ގަވަރުނަރު


ރާއްޖޭގައި އިސްލާމީ ބޭންކިންގް އަދި މާލީ ޚިދުމަތްތައް ކުރިއެރުވޭނީ މާލީ އައު އީޖާތުއައް ތަޢާރަފްކޮށް، މާލީ ޓެކްނޮލޮޖީ ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ހަރުދަނާ އުސޫލްތަކެއް ޤާއިމްކޮށްގެންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު ނަސީރު ވިދާޅުވެއްޖެއެވެ.

އެމް.އެމް.އޭގެ ގަވަރުނަރު މިހެން ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކިންގް އެންޑް ފިނޭންސް އިންޑަސްޓްރީ ކޮންފަރެންސް، މިބްފީ އަކީ ރާއްޖޭގައި އިސްލާމީ ބޭންކިންގ އާއި މާލީ ނިޒާމް ހަރުދަނާ ކުރުމަށް ބާއްވާ ކޮންފަރެއްސެކެވެ. މިއަހަރު ބާއްވަނީ މީގެ ފަސްވަނަ ކޮންފަރެންސެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޙްމަދު ނަސީރު ވިދާޅުވީ ދުނިޔޭގައި މިހާރު މަޤްބޫލްކަން ހޯދަމުން އަންނަ ކްރިޕްޓޯ ކަރެންސީ މުސްތަޤްބަލުގައި މަނިޓަރީ އިމްޕްލިމެންޓޭޝަންތަކަށް މުހިއްމު އެއްޗަކަށް ވާނެކަމަށެވެ. ނަމަވެސް ކްރިޕްޓޯ ކަރެންސީ ބޭނުންކުރުމުގައި މިވަގުތު ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެގޮތުން، މިއަހަރު އެކަނިވެސް 761 މިލިއަން ޑޮލަރުގެ ކަޅު ފައިސާގެ މުޢާމަލާތް ކްރިޕްޓޯ ކަރަންސީ ބޭނުން ކޮށްގެން ހިންގާފައިވާކަމަށް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވިއެވެ. އަދި މިއީ މޮނިޓަރ ކުރާނެ ނިޒާމެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ދިމާވާކަމެއްކަމަށާއި އެކަން ޙައްލު ކުރުމަށް ހަރުދަނާ ފްރޭމްވޯކެއް ޤާއިމްކުރަން ޖެހޭކަން އެމްއެމްއޭގެ ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި، މިބްފީ ކޮންފަރެންސްގެ ޗެއަރޕާސަން ޑރ.އައިޝަތު މުނީޒާ ވިދާޅުވީ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ މަތީ ޙަރުފަތަކަށް ގެންދިއުމަށްޓަކައި މާލީ ހިމެނެވިކަން ނުވަތަ ފައިނޭންޝަލް އިންކްލޫޝަންއަކީ އެންމެ އިސްކަމެއްދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މިބްފީ ކޮންފަރެންސް 3 ސެޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިސެޝަންތަކުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުން ވާހަކަފުޅުދައްކަވާނެއެވެ.