ޚަބަރު

ރާއްޖެއިން މަދިރިއާއި، މީދަލާއި، ވާ މަދުކުރުމުގެ ޕްރޮގްރާމެއް ފަށަނީ


ރާއްޖެއިން މަދިިރިއާއި، މީދަލާއި، ވާ މަދު ކުރުމުގެ ޕްރޮގްރާމް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗް.ޕީއޭއިން ހާމަކޮށްފިއެވެ.

ރާއްޖެއިން މަދިރިއާއި، މީދަލާއި، ވާ މަދު ކުރުމަށް ޤަވާއިދުން ޚާއްޞަ ޕްރޮގްރާމެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

ރައީސް ސާލިހުގެ ވެރިކަމުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި މި މަސައްކަތް ފެށުމަށް ވަޢުދުވެވަޑައިގެންފައިވާއިރު، މި ވަޢުދު ފުއްދުމަށް ދަތިތަކެއް ހުރިކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ރާއްޖޭގައި މަދިރިއާއި، މީދަލާއި، ވާ ގިނަވުމުގެ ސަބަބުން ބަލިތައް ފެތުރުމާއި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ގެއްލުންވަމުންދާއިރު، ރާއްޖޭގައި މިކަން ކޮންޓްރޯލް ކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އަމަލު ކުރާނެ ގޮތްތަކެއް ނުވަތަ އޮނިގަނޑެއް މިހާތަނަށް އެކުލަވާލާފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ، މި ޕްރޮގްރާމް އެކި ރަށްރަށުގައި ހިންގުމަށް ކުރަންޖެހޭ ބައެއް ކަންކަން ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ. އެގޮތުން ރަށްރަށުގެ ގިނަ ކަންކަން މިހާރު ބަލަހައްޓަމުން ދަނީ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުންކަމުން، މި ސިޔާސަތު ޤަވާއިދުން ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ދަތިތަކެއް ހުރުމުން އެކަން ޙައްލުކުރުމަށް މަޝްވަރާ ކުރަމުންދާކަމަށްވެސް މައިމޫނާ ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތައް ބާރުވެރިކުރުވައި، ކަމާގުޅުންހުރި މުއައްސަސާތަކާއެކު ބައްދަލުވުންތައް ބާއްވައި މިކަން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތައް އެކަށެއެޅުމުގެ މަސައްކަތް މިހާރުކުރިއަށްދާކަމަށާ، ވަރަށް އަވަހަށް މި މަސައްކަތް މުޅި ރާއްޖޭގައި ފެށިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ޚާއްޞަ އިސްކަމެއް ދީގެން މުހިންމު ކަންތައްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްވެސް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ސިއްޙީ ޚިދުމަތްތައް އެއްވިއުގައަކުން ގުޅާލުމާއި އައިޖީ.އެމްއެޗުން ޚިދުމަތް ދިނުމުގައި ހުރި ދަތިތައް ދެނެގަނެ އަވަސް ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މީގެއިތުރުން އެކި ރަށްރަށުގައި ދޭ އިމަރޖެންސީ ކެއަރ އާއި އެމްބިއުލާންސްގެ ޚިދުމަތް ރަނގަޅު ނިޒާމެއްގެ ދަށުން ދެވޭނެ ގޮތްތަކެއް މިހާރުން މިހާރަށް ހަމަޖެއްސުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.