ޚަބަރު

އާއްމު މަސްލަހަތަށް ބުރޫ އަރާފަދަ ކަންކަން ނުކުރުމަށް ގޮވާލައިފި


އާއްމުކޮށް
ފާޅުކުރެވޭ ލިޔުންތަކާއި، ދައްކާ ވާހަކަތަކާއި
ކުރާ ކަންކަމުގައި ދިވެހި މުޖުތަމަޢުގެ ހަމަޖެހުމާއި ރާއްޖޭގެ އާއްމު މަސްލަހަތަށް
ބުރޫ އަރާފަދަ ކަންކަން ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޢިލްތިމާސްކުރައްވައިފިއެވެ.



ޕީޖީ
އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ، ދީނީ ނުވަތަ އިޖުތިމާޢީ
ހައިސިއްޔަތެއް އޮތް ފަރާތަކުން ވިޔަސް ކުރާ ކަންކަމުގައި ރާއްޖޭގެ އާންމު
މަސްލަހަތަށް ގެއްލުންވާފަދަ ޢަމަލުތަކާއި، އާއްމު ފަރުދުންގެ ނަމާއި ޢަބުރަށް އިހާނެތިވާނެ
ކަންކަމާއި މުޖުތަމަޢުގެ ހަމަޖެހުމަށް ބުރޫއަރާފަދަ އެއެއްވެސް ކަމެއް ދިވެހި
ރައްޔިތުން ނުކުރުމަށް އެދިވަޑައިގެންފައެވެ. އަދި މިފަދަ ކަމަކުން ދިވެހި
ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމަށްޓަކައި އަޅަންޖެހޭ ކޮންމެ
ފިޔަވަޅެއްވެސް ޕީޖީ އޮފީހުން އަޅާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ވަނީ
އަންގާފައެވެ.



ޕީޖީ އޮފީހުން މި ބަޔާން ނެރެފައި މިވަނީ އިޤްތިސާދީގޮތުން
ރާއްޖެއަށް ލިބިގެންދާ ކުރިއެރުމަށް ހުރަސްއެޅޭ ފަދަ ގޮތަށް ހިންގާ އެކިއެކި
ޙަރަކާތްތައް ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަށް ސަލާމަތީ ބާރުތަކުން
ފަސްނުޖެހޭނެކަމަށް އެމް.އެން.ޑީ.އެފްއާއި ފުލުހުން  ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އެމް.އެން.ޑީ.އެފްއާއި ފުލުހުން ގުޅިގެން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ،
ރާއްޖޭގެ އަމާންކަން ނަގާލާ ދިވެހިންގެ އެއްބައިވަންތަކަމާއި ޤައުމުގެ ސުލްހަ މަސަލަކަމަށް
ހުރަސް އެޅޭގޮތަށް ހިންގާ ހަރަކާތްތައް ބަލާ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް
އަޅާނެކަމަށެވެ.