ޚަބަރު

ޓެކް ކައުންސިލެއް އުފެއްދުމަށް ނިންމައިފި


މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ހިންގުން ހަރުދަނާކުރުމަށް ޓެކް ކައުންސިލުގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ނިންމައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ ޓެކް ކައުންސިލުގެ ބޭނުމަކީ މިނިސްޓްރީގެ ކަންކަން ކުރިއަށްގެންދިއުމުގައި ކަމާ ގުޅުންހުރި އެކި ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯދުންކަމަށެވެ. އަދި ދިހަ ވަރަކަށް ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓެކް ކައުންސިލުގައި ހުރިހާ ދާއިރާއަކުން ބޭފުޅުން ހިމެނޭނެކަމަށް މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

ވަޒީރުކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މަލީހު ވިދާޅުވީ، މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރިއަށްދިޔައީ މިނިސްޓްރީގެ އޮނިގަނޑު ތައްޔާރުކޮށް، މިނިސްޓްރީގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށެވެ. އެގޮތުން ގިނަ ކަންތައްތަކެއް ފާހަގަވެފައިވާކަމަށާއި، އެވުޒާރާގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ދެ ފުށް ފެންނަ ގޮތަކަށް މަސައްކަތްކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަލީހުގެ ވާހަކަފުޅުގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި ދާއިރާގެ ތަޖުރިބާކާރުންނާއެކީ ގިނަ މަޝްވަރާތަކެއްކޮށް، މަސައްކަތްތަކެއް ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.