ތަޢުލީމު

ދަސްވާރު ޕްރޮގްރާމް ނިންމި ދަސްވެނިންނަށް ސަނަދުތައް ހަވާލްކޮށްފި


މާލޭ ސްކޫލްތަކުގެ ގްރޭޑް ދިހައެއްގައި ތައުލީމު
ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން ކިޔެވުމުގައި މަސައްކަތާއި ހުނަރު
ދަސްކުރަން ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ދަސްވާރު ޕްރޮގްރާމް ނިންމާ
ދަސްވެނިވި ދަރިވަރުންނަށް ސަނަދުތައް ހަވާލުކޮށްދެއްވައިފިއެވެ. އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި
ދަސްވެނިންނަށް ސަނަދުތައް ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ
އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ.

މިއަހަރުގެ ދިރާސީ އަހަރާއެކު އެޑިއުކޭޝަން މިނިސްޓްރީން
ފެށި އެންމެ މުހިންމު އެއް ޕްރޮގްރާމަކީ ދަސްވާރު ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ
މައިގަނޑު މަގްސަދަކީ ސާނަވީ ތައުލީމު ނިމުމުގެ މަރުހަލާގައިވާ ދަރިވަރުންގެ
ތެރެއިން ކިޔެވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެ، ކިޔެވުމަށް ދަތިވާ
ދަރިވަރުންނަށް ތަފާތު ފަންނީ ދާއިރާތަކުން ހުނަރުތައް ދަސްކޮށްގެން ކުރިއަށްދާން
ޝައުގުވެރިވާ ދަރިވަމުންނަށް އެފުރުޞަތު ހޯދާދިނުމެވެ.

މިއަދުގެ ރަސްމިއްޔާތުގައި
ޖުމްލަ އަށްޑިހަ ހަ ދަރިވަރަކަށް ސަނަދުތައް ހަވާލުކޮށްދެއްވާފައިވާއިރު، އެގާރަ
ސްކޫލަކުން ޖުމްލަ ސަތޭކަ ފަސްދޮޅަސް ނުވަ ދަރިވަރުން މި ޕްރޮގްރާމްގައި
ބައިވެރިވެފައިވެއެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ
ދަސްވާރުވެ ދަސްވެނިވާ ކޮންމެ ދަރިވަރަކީ ރާއްޖޭގެ އިގްތިސާދީ ދުވެލީގެ
ކުރިއެރުމަށް ހިއްސާވާ ދަރިވަރުންތަކެއް ކަމަށްވުމަށް އުންމީދު ކުރައްވާ ކަމަށާއި،
ދަސްވާރު ޕްރޮގްރާމާއެކު، ކިޔަވާކުދިން ވިޔަފާރީގެ ދާއިރާއަށް
އަހުލުވެރިކުރުވުމަށް ހިންގާ އިންޓާންޝިޕް ޕްރޮގްރާމްތަކެއް އަންނަ އަހަރު
ފެށިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައިވަނީ " ތަހްޒީބު މުޖުތަމައަކަށް
ތަރުބަވީ ތައުލީމް" މި ނަމުގައި ތައުލީމީ ދާއިރާގެ އެއް އަހަރުގެ ނަތީޖާ
ދައްކުވައިދޭ ހަނދާނީ ފޮތެއް ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވީ ރައީސުލް
ޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމެވެ. މީގެ އިތުރުން މި
ރަސްމިއްޔާތުގައި ވަނީ ދަސްވާރު ޕްރޮގްރާމް ހިންގުމުގައި އެހީތެރިވެދެއްވި
ކުންފުނިތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
އަންނަ ދިރާސީ އަހަރާއެކުވެސް ދަސްވާރު ޕްރޮގްރާމް މާލޭގެ ސްކޫލްތަކުގައި
ހިންގުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.