ޚަބަރު

މަޚްލޫފްގެ ކާރުކޮޅަށް ޚާއްޞަ ޕާކިންގ ޒޯން އާންމުކޮށް ހުޅުވާލަން ނިންމައިފި


މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އަޙުމަދު މަޙްލޫފަށް ޚާއްޞަކުރެވިފައިވާ ޕާކިންގ ޒޯންގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ޢާއްމު ރައްޔިތުންގެ ވެހިކަލްތައް ޕާކް ކުރުމަށް ދަތިވާތީ، އެ ޕާކިންގ ޒޯން ޢާއްމުންނަށް ހުޅުވާލަން އެމަނިކުފާނު ނިންމަވައިފިއެވެ.

މިނިސްޓަރ މަޙްލޫފުގެ ކާރުކޮޅު ޕާކް ކުރުމަށް ޚާއްސަ ކުރެވިފައި ހުންނަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ "ޖިލްބާބް ސެވަން" ނަމަކަށް ކިޔާ ފިހާރައެއްގެ ކުރިމަތީގައެވެ. ކާރުކޮޅު ޕާކް ކުރުމަށް އެ ސަރަޙައްދުން ބޮޑު ބައެއް ވަނީ "ހުއްދަ ދެވިފައިވާ ފަރާތަކަށް" އެކަނި ނޫން ގޮތަކަށް ޕާކް ކުރުން މަނާ ކަމަށްބުނެ ބޯޑުވެސް ހަރުކޮށްފައެވެ.

މިނިސްޓަރ މަޙްލޫފު ޓެގްކޮށް މީހަކު ޓުވީޓަރގައި ބުނެފައިވަނީ އެސަރަޙައްދަކީ އެއްގަމު އުޅަނދު ޕާކް ކުރުމުގައި މިހާރުވެސް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާ ސަރަޙައްދެއް ކަމަށާއި އެހެން ކަމުން އެއީ ވަރަށް ގޯސްކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކަން އެހެން އޮތްއިރު، އެ ސަރަޙައްދުގައި މިނިސްޓަރުގެ ކާރުކޮޅަށް ޚާއްޞަ ޕާކިންޒޯނެއް އޮތުމަކީ ލާޒިމް ކަމެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އެ ޓްވީޓު ރީޓްވީޓު ކުރައްވާ މިނިސްޓަރު މަޙްލޫފް ޖަވާބު ދެއްވަމުން ވިދާޅުވީ އެމަނިކުފާނުގެ ކާރުކޮޅު ޕާކް ކުރާ ޒޯން ބަދަލު ކޮށްދެއްވުމަށް އެދި ރަސްމީ ހައިސިއްޔަތުން މިހާރުވެސް ހައުސިންގ މިނިސްޓްރީގައި އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އަދޮ މަޙްލޫފަށް ޚާއްޞަކުރައްވާފައިވާ ޕާކިން ޒޯން އާންމުކޮށް ހުޅުވާލުމަށް ހައުސިން މިނިސްޓްރީގައި އެދިވަޑައިގެންފައި ވާނޭ ކަމަށްވެސް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

މާލޭ ސިޓީއަށް ކުރިމަތިވެފައިވާ ޓްރެފިކްގެ މައްސަލަތައް ހައްލު ކުރުމަށް ކުރިއަށް އޮތް 100 ދުވަސް ތެރޭގައި ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޚް ވައުދުވެ ވަޑައިގެންފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފަހުން ޓްރެފިކް މައްސަލަތައް ހައްލު ހޯދުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އާންމުންގެ ޚިޔާލު ވެސް ހޯއްދަވާފައެވެ. އަދި އެކަމަށްޓަކާ ސަރުކާރުން ގެންދަވަނީ މިހާރުވެސް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ.