ޚަބަރު

ސްކޫލް ބަންދާ ދިމާކޮށް އެމްއެމްއައިއިން ޚާއްޞަ ކޯސްތަކެއް ފަށައިފި


ސްކޫލް ޗުއްޓީއާ ދިމާކޮށް ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ޚާއްޞަ ކޯސްތަކެއް ފަށައިފިއެވެ.

މީޑިއާއާއި، ކްރިއޭޓިވް އާރޓްސްގެ ދާއިރާއިން ތަފާތު ގިނަ ކޯސްތަކެއް ހިންގަމުންގެންދާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ސްކޫލް ޗުއްޓީއާ ދިމާކޮށް ފަށާފައިވާ "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ" ގެ ދަށުން ތަފާތު އެކި ކޯސްތަކުގައި 119 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމުގެ ދަށުން ސްކޫލް ޗުއްޓީ ތެރޭގައި، މީޑިއާއާއި ކްރިއޭޓިވް އާޓްސްގެ ދާއިރާއިން 10 ކޯސް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއައި އިން މައުލޫމާތުދެއެވެ. އޭގެތެރޭގައި ކޮރިއޮގްރަފީ ވާރކްޝޮޕަކާއި، ވޮއިސް ލެސަންސް އެންޑް ވޯކަލް ޓްރެއިނިންގ ފޮރ ކިޑްސް ކޯހާއި، ފުރުޓީ ލޫޕްސް ސްޓޫޑިއޯ މިއުޒިކް ޕްރޮޑަކްޝަން ކޯހާއި، ފިލްމްމޭކިންގ ފޮރ ކިޑްސް ކޯހާއި، ސްމާރޓް ފޯނު ފިލްމް މޭކިންގ ކޯހާއި، ސްމާރޓް ފޯނު ފޮޓޯގްރަފީ ކޯހާއި، ރޭޑިއޯ ޕްރެޒެންޓިންގ އެންޑް ޑްރާމާ ވާކްޝޮޕަކާއި، ޓެލެވިޜަން ޕްރެޒެންޓިންގ ވާރކްޝޮޕަކާއި، ނިއުސް ރައިޓިންގ އިން ދިވެހި އަދި ނިއުސް ރައިޓިންގ އިން އިންގްލިޝް ކޯސް ހިމެނެއެވެ.

މި ކޯސްތަކަކީ އަންނަ ޑިސެމްބަރމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކުރު ކޯސްތަކެކެވެ. މޯލްޑިވްސް މީޑީއާ އިންސްޓިޓިއުޓުން ބުނީ މި ކޯސްތަކުގައި ކިޔަވައިދޭނީ، މިދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުންކަމަށެވެ. ދަރިވަރުންނަށް ހުނަރު އުނގަންނައިދިނުމުގެ އިތުރުން ޢަމަލީ ގޮތުން ތަޖްރިބާ ހޯދުމުގެ ފުރުޞަތު މި ކޯސްތަކުގެ ތެރެއިން ލިބިގެންދާނެކަމަށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން މައުލޫމާތުދެއެވެ.

އަދި ޕްރޮގްރާމު ނިމުމާއެކު، ކޯސްތަކުގައި ބައިވެރިވި ދަރިވަރުން ކޮށްފައިވާ މަސައްކަތްތައް ބެލެނިވެރިންނަށް ދައްކާލުމުގެ ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއައި އިން މައުލޫމާތުދެއެވެ.