ޚަބަރު

އިލްމީ ގޮތުން ގާބިލް ބޭފުޅުން މަޖިލީހަށް ކުރިމަތިލާންޖެހޭ - ޕްރޮފެސަރ އުގެއިލް


ދިވެހިރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށް އިލްމާއި ހިލްމުގެ ގޮތުން ފުންނާބު އުސް ބަޔަކު ކުރިއަށް އޮތް މަޖިލީހަށް ކުރިމަތިލާންޖެހޭ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރު އުގައިލް ކުރެއްވި ޓްވީޓެއްގައިި ވިދާޅުވެފައިވަނީ ފަސްބައިގައި ކިލަނބުކަމެއްނެތް ދިވެހި ފަރުދުން، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަކީ ރާއްޖޭގެ ކުރިމަގު އުޖާލާ ކުރުމަށް ބޭނުންވާ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއް ކަމަށެވެ.

ޕްރޮފެސަރ އުޤައިލް ކުރެއްވި ޓްވީޓު

އުގެއިލް މިހެން ވިދާޅިވިއިރު އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ސަރުކާރުތަކުގެ އިސްވެރިން ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިންގް މިނިސްޓަރ އާއި ޑިފެންސް މިނިސްޓަރ ވެސް ވަނީ މަޖިލީހަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ. އަދި ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރ މުޙައްމަދް ނާޒިމްވެސް މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާ އޮންނާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.