ސިޔާސީ

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އިދިކޮޅަށް


ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ މުޤައްރިރަކަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ނައިބު މުޤައްރިރަކަށް ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އިންތިޚާބު ކޮށްފިއެވެ.

މި މަޤާމުތަކަށް މިބޭފުޅުން އިންތިޚާބުކޮށްފައިވަނީ މިއަދު ބޭއްވެވި ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ރިޔާޒު ރަޝީދާއި މުޙައްމަދު އިސްމާޢީލް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އިންތިޚާބުކުރިއިރު، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމްގެ ނަން އެކޮމިޓީތަކަށް ހުށައަޅާފައިވެއެވެ. އެހެންނަމަވެސް އެބޭފުޅުންނަށް ރުހުން ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ކޮމަންޑޫ ދާއިރާގެ މެންބަރުން އަހުމަދު ނާޝިދު، ނައިބު މުގައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ އިންތިޚާބުކޮށްފައެވެ.
ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޔާސަތަށް ބަދަލު ގެނެސްފައި މިވަނީ މަޖިލީހުގައި މެންބަރުން ތަމްސީލް ކުރައްވަމުން ގެންދެވި ޕާޓީ، ބައެއް މެންބަރުން ބަދަލުކުރެއްވުމާ ގުޅިގެން އެ ބަދަލާއެކު މަޖިލީހުގެ ކޮމިޓީތައްވެސް އަލުން އެކުލަވާލުމާ ގުޅިގެންނެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަލުން އެކުލަވާލިއިރު މާލިއްޔަތު ކޮމިޓީގައި މިހާރު ތިއްބެވީ ޕީޕީއެމްގެ ފަސް މެމްބަރުންނާއި އެމްޑީއޭގެ މެމްބަރަކާއި ވެރިކަން ކުރާ ކޯލިޝަންގެ ހަތް މެމްބަރުންނެވެ.
މާލިއްޔަތު ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ މާލިއްޔަތާއި ގުޅުންހުރި ކަންކަން ބެލުމާއި، ކަމާގުޅުންހުރި ފަރާތްތައް ޖަވާބުދާރީކުރުވުމާއި، ދައުލަތުގެ ބައެއް މަގާމުތަކުގެ މުސާރަތައް ބަލައި މުރާޖައާކޮށް ގޮތްތަކެއް ނިންމުމެވެ.