ޚަބަރު

މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރު ނުކުރެވޭގޮތަށް އިޞްލާޙެއް ހުށައަޅައިފި


ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 85 އަށްވުރެ އިތުރުނުވާގޮތަށް ޤާނޫނު އަސާސީއަށް އިޞްލާޙެއް ހުށައަޅައިފިއެވެ. ޤާނޫނޫ އަސާސީއަށް މި އިޞްލާޙު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލެވެ.

ޤާނޫނޫ އަސާސީއަށް ޚަލީލް ހުށައެޅުއްވި އިޞްލާޙުގައި ރާއްޖޭގެ އާބާދީ، ހަތަރުސަތޭކަ ހާހެއްހައި ރައްޔިތުންގެ މައްޗަށް ބިނާވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އިތުރުވެގެން ދިއުމަކީ ޤައުމުގެ އިޤްތިޞާދަށް ބުރަ ބޮޑުވެގެންދާނެކަމެއްކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ދައުލަތުގެ ރިކަރަންޓް ޚަރަދުތައް އިތުވެގެންދާނެތީ، މަޖިލީހުގެ އިދާރީ ދާއިރާތައް ކޮންމެ އިންތިޚާބަކާ ގުޅިގެން އިތުރުވަމުންދާ ދިޔުން ނިމުމަކަށް ގެންނަންޖެހޭކަމަށް ވެސް އިސްލާޙުގައި ބަޔާންކުރައްވާފައިވެއެވެ.

ޑރ.ޚަލީލް ވިދާޅުވެފައިވަނީ މިއިސްލާޙަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައެޅިފައިވާ އިދާރީ ދާއިރާތަކަށް ބަދަލެއް އައުމަކީ އެ ދާއިރާތަކުގެ ރައްޔިތުންގެ މަސްލަހަތު އެންމެ އެކަށޭނަ ގޮތެއްގައި ދެމެހެއްޓޭނެ ގޮތް ކަމުގައި ނުވާތީ، 85 މެންބަރުންގެ ޢަދަދަށްވުރެ މަޖިލީގެ މެންބަރުންގެ ޢަދަދު އިތުރުވުމަކީ ތިންބާރު ވަކިވެފައިވާ ޑިމޮކްރަޓިކް ނިޒާމެއްގައި އެންމެ އެކަށޭނަގޮތްކަމަށް ނުދެކޭތީ ހުށައެޅުއްވި އިސްލާހެއްލަމަށެވެ.

މީގެ އިތުރުން ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ނުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް އިތުރު އިޞްލާހެއްވެސް ހުށައަޅާފައިވެއެވެ. މި އިޞްލާޙު ހުށައެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. އޭނާ ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިޞްލާޙުގައި ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އެއްވެސް ހާލަތެއްގައި ބޭރުގެ އެއްވެސް ފަރާތްކަށް މިލްކުކުރެވުމަކީ ރާއްޖޭގެ އިސްތިޤްލާލު ބީވެގެންހިނގައިދާނެ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ޓޫރިޒަމްގެ ގާނޫނަށް 2016ވަނަ އަހަރު ގެނައި އިސްލާހުގައި ވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް ބިޑް ކުރުމެއް ނެތި ދެވޭ ގޮތް ހަދައިފައެވެ. މި އިސްލާހު މަޖިލީހުގެ ގިނަމެންބަރުންގެ ތާއީދައެކު ފާސްކޮށްފައިވާއިރު، ރިފާއުވެސް ވަނީ އޭރު އެބިލާ އެއްކޮޅަށް ވޯޓު ދެއްވާފައެވެ.

މީގެ އިތުރުން އިމިގްރޭޝަން ޤާނޫނަށްވެސް މިއަދުގެ ޖަލްސާގައި އިސްލާޙެއް ހުށައަޅާފައިވެއެވެ. ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށައެޅުއްވި އިޞްލަޙަކީ، ބިދޭސީން ރާއްޖެ އެތެރެކުރާ މީހުންގެ ބައެއް ޒިންމާތައް ބަޔާންކުރާ މާއްދާއަށް އަކުރެއް އިތުރުކުރުމަށް ހުށަހެޅި އިސްލާޙެކެވެ.

އެ އިސްލާޙުގައި ބުނެފައިވަނީ ވާރކް ވިސާއެއްގައި ރާއްޖެއަށް އެތެވެފައިހުރި މީހަކު އެ ބިދޭސީމީހާ މަސައްކަތްކުރަމުންދާ ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، އެ ބިދޭސީމީހާ ރާއްޖޭއަށް ގެނައި ފަރާތުގެ އިޒުނައެއްނެތި، އެހެން ފަރާތަކަށް ގެންދިއުން ނުވަތަ ބަދަލުކުރުން ނުވަތަ އެފަދަކަމަކަށް ގަސްދުގައި މަގުފަހިކުރުމަކީ ކުށެއްކަމަށެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުގައި އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ނުވަތަ ފަސްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް މިއިސްލާޙުގައި ވެއެވެ.