ޚަބަރު

ހިތަދޫ ބަނދަރުން މަސްވެރިންނަށް ފެންދޫކުރަން ފަށައިފި


އައްޑޫ ސިޓީ ހިތަދޫ މައި ބަނދަރުން މަސްވެރިންނަށް ފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މެޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ މީގެ 3 ދުވަސް ކުރިން ބަނދަރަށް ފެންދޫކޮށްފައިވާނެކަމަށާއި މިދުވަސްވަރު މަސްވެރިންނަށް ފެން ދޫކުރަމުންދަނީ ހިލޭކަމަށެވެ. އަދި މަސްވެރިންނަށް ދޫކުރާ ފެނުކު ކޮލިޓީ ރަނގަޅުކުރުމަށް ފެން އޮކްސިޖަނޭޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ހިތަދޫ މައިބަނދަރަށް ގުޅައިފައިވާ އިސްކުރުތަކަށް ފެން ދިނުމުގެ އިތުރުން، ހިތަދޫ ފަތާ ޓްރެކް ކައިރީގައި ހަދައިފައިވާ ފެންވަރާތަނަށްވެސް ފެން ދޫކޮށްފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މަސްވެރިންނަށް ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އައްޑޫސިޓީ ހިތަދޫ ބަނދަރުގައި ވަނީ 8 އިސްކުރު ބަހައްޓައިފައެވެ. މީގެ 2 އަހަރު ކުރިން މަސައްކަތް ނިމިފައިވާ އެތަނަށް ފެން ނުލިބި ލަސްވެފައިވަނީ މަސްވެރިންނަށް ފެންގުޅައިދިނުމަށް ބޭނުންވާ ކަރަންޓް ފޯރުކޮށްނުދެވިގެން ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދިނެވެ.