ޚަބަރު

މާދަމާ ބަޖެޓް ފާސްކުރަނީ


އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓު މާދަމާ ފާސްކުރުމަށް ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވަނީ، ބަޖެޓާ ގުޅޭ އިސްލާޙެއްވާނަމަ މިއަދު އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ހުށައެޅުމަށް އެދިވަޑައިގެންފައެވެ. އަދި ބަޖެޓް ފާސްކުރުން މާދަމާގެ ޖަލްސާގައި އޮންނާނެކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށައެޅުއްވީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ކޮމިޓީން ދިރާސާކުރުމަށްފަހު ކޮމިޓީން ފާސްކުރީ 30.25 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރާއްޖޭގައި މިހާތަނަށް ފާސްކުރާ އެންމެ ބޮޑު ބަޖެޓްގައި އެންމެ ބޮޑު ހޭދައެއްކުރުމަށް ކަނޑައަޅާފައިވަނީ ޕަބްލިކް ސާރވިސް ޕްރޮގްރާމްސް، ޕީއެސްއައިޕީގެ މަޝްރޫޢުތަކަށެވެ. ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ހަ ހާސް ހަސަތޭކަ ހަތާވީސް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީ ހިމަނައިގެން ޢާމްދަނީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރިނަމަވެސް ކޮމެޓީން ފާސްކުރި ބަޖެޓުގައި ހިލޭ އެހީގެ ހިމަނައިގެން ޢާމްދަނީގެ ގޮތުގައި 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.