ޚަބަރު

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް ރުހުންދިނުމަށް ފޮނުއްވާފައިވާ ސިޓީފުޅު އަމީން ޢަންމު ވަނީ މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާފައެވެ. އަދި ރިޔާސަތުން ވަނީ ވަޒީރުންގެ ނަންފުޅުތައް ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
ރައީސް ޞާލިޙްގެ ކެބިނެޓްގައި ބަންޑާރ ނާއިބާއި، 19 ވަޒީރުން ހިމެނޭހެން 20 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގައި، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔޔާ އައްޔަންކުރާ މީހުންގެ ނަންތައް އެމީހުން ޢައްޔަންކުރާ ދުވަހުންފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވަންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ވަޒީރުންގެ މަޖިލީހަށް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.