ޚަބަރު

މެންބަރު ޙުސައިން މުޙައްމަދާއި އަޒްހާން ޖޭޕީއަށް


ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި އިތުރު ދެ މެންބަރަކު ޖުމްހޫރީޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

ޖުމްހޫރީޕާޓީގެ މައި ޖަގަހަ ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީއާއި ގުޅިވަޑައިގަތީ ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ހުސައިންނާއި، މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒްހާން ފަހުމީއެވެ.

އެބޭފުޅުން ޖުމްހޫރީޕާޓީއަށް ގުޅިވަޑައިގެން ފޯމް ވަނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ޤާސިމް ވަނީ އެ ދެ މެންބަރުންނަށް މަރުހަބާދަންނަވާ، މިއީ އެޕާޓީން ކުރަމުންދާ މަސައްކަތްތަކަށް ލިބެމުންދާ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ފަހަކަށް އައިސް ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް އަންނަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަމުންނެވެ.

ޕީޕީއެމްއިން ވަކިވެ އެޕާޓީގެ މެންބަރުން އެހެން ޕާޓީތަކާއި ގުޅިވަޑައިގަންނަވަމުންދާއިރު ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ވަނީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މުސްޠަފާ ވަނީ ޕީޕީއެމްއާއިވެސް ގުޅިވަޑައިގެންފައެވެ. ނަމަވެސް ޕީޕީއެމްއާއި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން މުސްތަފާ ވަނީ ޕީޕީޢެމުން ވަކިކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުންކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރޭގައިވެސް މުސްޠަފާ ހިމެނިވަޑައިގަންނަވައެވެ.