އައްޑޫ ސިޓީގެ ރައްޔިތުންނަށް ސާފު ބޯފެން
ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމުހޫރިއްޔާ އަބްދުއްﷲ ޔާމީން
އަބްދުލްޤައްޔޫމް ރޭ އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މި މަސައްކަތް ކުރުމަށް ސަރުކާރުން
ހަވާލުކޮށްފައިވަނީ ފެނަކާ ކޯޕަރޭޝަނާއެވެ.
އައްޑު ސިޓީގެ ރައްޔިތުންނަށް ސާފު ބޯފެން
ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވާފައި މިވަނީ އައްޑޫ ސިޓީ
ހުޅުމީދޫއިންނެވެ. ހުޅުމީދޫއިން މި މަޝްރޫޢޫގެ އަމަލީ މަސައްކަތް އިފްތިތާޙް
ކޮށްދެއްވާ ރައީސުލްޖުމުހޫރިއްޔާ އަބްދުލްﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ،
ރާއްޖޭގައި ފެނާއި ނަރުދަމާ އެކީގައި ޤާއިމު ކުރެވުނު ދެވަނަ އަތޮޅަކީ މާލެފިޔަވާ
އައްޑޫ ސިޓީ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ދެހާސް ސޯޅަ ވަނައަހަރުގެ ނިޔަލަށް
އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ނަރުދަމާ ނިޒާމު ފުރިހަމަ ވެގެން ދާނެކަމަށެވެ. މި
މަސައްކަތްތަކަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ހިންގުމަށް
ހަމަޖެހިފައިވާ ކަންކަމަށް މަގުފަހި ކުރުމަށް ކުރެވޭ މުހިންމު މަސައްކަތް ތަކެއް ކަމަށްވެސް
ރައީސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން
އެންވަޔަރމެންޓް މިނިސްޓަރ ތޯރިޤް އިބްރާޙީމް ވިދާޅުވީ، އައްޑޫ ސިޓީގެ ފެނާ
ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތަށް މަދުވެގެން 600 މިލިއަން ރުފިޔާ
ޚަރަދު ވާނެކަމަށެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެކަން
ފާހަގަ ކުރައްވާ މިނިސްޓަރ ޠާރިޤް ވިދާޅުވީ މި މަސައްކަތަކީ އާބާދީ ބޮޑު
ސަރަހައްދުތަކަށް އަސާސީ ޚިދުމަތްތަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ
ކާމިޔާބީއެއްކަމަށެވެ.
އައްޑޫ ސިޓީގައި ފެނުގެ މަޝްރޫޢު ޤާއިމު ކުރުމަށް 36
މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި
ނިންމުމަށް ހަމަޖެހިފައިވާއިރު މަޝްރޫޢުއަށް ފައިސާ ޚަރަދު ކުރަނީ ސަރުކާރުގެ
ބަޖެޓުންނާއި އޯޕެކްގެ ލޯނު އެހީގައެވެ.