ޚަބަރު

ޕެރިހުގެ މުޒާހަރާގައި ސަލާމަތީ ބާރުތަކަށް ހަމަލާދިން ޢާއްމުންނަށް މެކްރޯންގެ ފާޑުވިދާޅުވުން


ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހޮނިހިރު ދުވަހު ކުރި ވަރުގަދަ މުޒާހަރާތަކުގައި، ސަލާމަތީ ބާރުތަކަށް ހަމަލާދިން ފަރާތްތަކަށް ރައީސް އެމެނުއަލް މެކްރޯން ހަރުކަށި ޢިބާރާތުން ފާޑުވިދާޅުވެއްޖެއެވެ.

ފަރަންސޭސިވިލާތުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ހޮނިހިރު ދުވަހު ކުރި މުޒާހަރާތަކުގައި، އެއްވެ ތިބި މީހުންނާއި ފުލުހުންނާ ދެމެދު ވަނީ، ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާފައެވެ.

މިކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި މެކްރޯން ވިދާޅުވީ، މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކަށް ހަމަލާ ދިން މީހުން މިކަމާ ލަދުގަންނަން ޖެހޭނެކަމަށެވެ. މެކްރޯން ވިދާޅުވީ، ފަރަންސޭސިވިލާތުގައި މިފަދަ ހަމަލާތައް ދޭ ފަރާތްތަކަށް ޖާގައެއް ނެތްކަމަށެވެ.

އެއްވި މީހުންނާ މެދު ފުލުހުން ޢަމަލުތައް ބެހެއްޓި ގޮތަށް ތަޢުރީފުކުރައްވަމުން މެކްރޯން ވިދާޅުވީ، މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ޢަމަލުކޮށްފައިވަނީ ނަޒާހަތްތެރިކަމާ އެކުގައި ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ފުލުހުންގެ ފަރާތުން ފެނިފައިވަނީ ހިތްވަރުގަދަ ޢަމަލުތަކެއްކަމަށެވެ. ފަރަންސޭސިވިލާތުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ވޭތުވެދިޔަ ދެ ހަފުތާ ބަންދުގައިވެސް މުޒާހަރާތައް ކޮށްފައިވާއިރު، އެއްވި ގިނަ ފަރާތްތަކުން ވަނީ މެކްރޯނާ ދެކޮޅަށްވެސް އަޑުއުފުލާފައެވެ.