ޚަބަރު

ފަސް އަހަރު ފަހުން ޕީޕީއެމް އަތުން ކޮމެޓީތަކުގެ މެޖޯރިޓީ ގެއްލިއްޖެ


ރައްޔިތުން މަޖިލީހުގެ ހިމެނޭ ގިނަ ކޮމެޓީތަކުގެ މެޖޯރިޓީ ސަރުކާރު ކޯލިޝަނަށް ލިބިއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ 13 ކޮމެޓީ އަލުން އެކުލަވާލާފައި މިވަނީ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ބުނެފައި ވަނިކޮށް އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި ވަނިކޮށެވެ.

މިހާރުގެ ސަރުކާރަށް މަޖިލީހުގައި ހިމެނޭ 13 ކޮމެޓީގެ ތެރެއިން ހަތް ކޮމެޓީގެ މެޖޯރިޓީ ވަނީ ލިބިފައެވެ. އިދިކޮޅު ޕީޕީއެމްއަށް ލިބުނީ ފަސް ކޮމެޓީގެ މެޖޯރިޓީއެވެ. ޕީޕީއެމްގެ އަތުން މަޖިލީހުގެ ކޮމެޓީތަކުގެ މެޖޯރިޓީ ގެއްލިގެން ދިޔައީ ފަސް އަހަރު ފަހުންނެވެ.

  • މިހާރުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުނު ކޮމެޓީތަކަކީ:
  • * ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)
  • * މާލިއްޔަތު ކޮމިޓީ
  • * ޕެޓިޝަން ކޮމިޓީ
  • * އިމްތިޔާޒް ކޮމިޓީ
  • * މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
  • * ޤަވައިދު ކޮމިޓީ
  • * އިޖުތިމާއީ ކޮމިޓީ
  • އިދިކޮޅު ޕީޕީއެމްއަށް ލިބުނު ކޮމެޓީތަކަކީ:
  • * ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ
  • * ޢާންމު ކޮމިޓީ
  • * ޤައުމީ ތަރައްގީ ކޮމިޓީ
  • * ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ
  • * އިޤްތިޞާދީ ކޮމިޓީ

މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ހާމަނުކޮށް އޮތް ހަމައެކަނި ކޮމެޓީއަކީ ސުލޫކީ ކޮމެޓީއެވެ.
އައު ސަރުކާރުގެ އެކި މަޤާމުތަކަށް މަޖިލީހުގެ ހަ މެމްބަރަކު ވަނީ ޢައްޔަންކޮށްފައެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ވަނީ 79 އަކަށް ތިރިވެފައެވެ. މި ޢަދަދާއި އެކު މަޖިލީހުގައި މިހާރުގެ ސަރުކާރު ތަމްޞީލް ކުރައްވާ މެންބަރުންގެ ޢަދަދަކީ 42 އެކެވެ. އެއީ މަޖިލީހުގެ މިހާރުގެ ފުރިހަމަ އަޣުލަބިއްޔަތަށް ވުރެ ތިން މެމްބަރުން ގިނަ ޢަދަދެކެވެ.